English Edition
Dhivehi Edition

ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ކުރެއްވި ޓްވީޓުގަ އެވެ.

އެ ޓްވީޓުގައި ޑރ. މައުސޫމް ވިދާޅުވެފައިވަނީ އެއްވެސް ޝަރުތަކާ ނުލައި ރައީސް ސާލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މައުސޫމް ކުރައްވާފައިވަނީ ރައީސް ސާލިހާއެކު ނަންގަވާފައިވާ ފޮޓޯއަކާ ވެސް އެކުގަ އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން އަމިއްލައަށް ވާދަކުރަން ނިންމި ހިސާބުން އެ ޕާޓީގެ ގިނަ މެމްބަރުން ދަނީ ޕާޓީން ވަކިވަމުން ނެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލުންނާއި އެ ޕާޓީގެ މެންބަރުކަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވަކިވެ ވަޑައިގެންފައި ވާއިރު، އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އެޑްވައިޒަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ސަމީރު ވެސް ވަނީ ވަކިވެފަ އެވެ. އަދި މީގެ އިތުރުން ވެސް ގިނަ މެމްބަރުންތަކެއް ދަނީ ޕާޓީން ވަކިވަމުން ނެވެ.