English Edition
Dhivehi Edition

ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވީ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދިނުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމައި އެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ބަންގްލަދޭޝްގައި މަތީ ތަޢުލީމް ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދޭން އެ ގައުމުން ނިންމާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިކަމަށް އެދިވަޑައިގެންފައިވަނިކޮށެވެ. ދިގު މުއްދަތަަށް ވިސާ ދޭން ނިންމުމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭ.ކޭ އަބްދުލް މޫމިން އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައިފަ އެވެ.

މީގެ ކުރިން ބަންގްލަދޭޝްގައި ކިޔަވާ ދަރިވަރުންނާއި އިންޓާންޝިޕް ފުރިހަމަ ކުރާ ފަރާތްތަކުން ކޮންމެ އަހަރަކު ވެސް ވިސާ އައު ކުރަން ޖެހެ އެވެ. އަދި ވިސާ ހޯދުމުގައި ވެސް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. ނަމަވެސް، ބަންގްލަދޭޝް ސަރުކާރުގެ މިނިންމެވުމާއެކު ވިސާ ހޯދުމުގައި އިތުރު ތަކުލީފުތަކެއް އުފުލަން ނުޖެހި ކޯހުގެ މުއްދަތަށް ވިސާ ލިބިގެންދާނެ އެވެ.

ބަންގްލަދޭޝްއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މެޑިސިންގެ ދާއިރާ ތަކުގައި ކިޔަވަމުން އަންނަ ޤައުމެކެވެ.