English Edition
Dhivehi Edition

މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މެޗުތައް މެދު ކަނޑާ ނުލުމަށް ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން އެ ގައުމުގެ ރެފްރީންނަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ރަމަޟާން މަހު މުސްލިމު ކުޅުންތެރިންނަށް ރޯދަ ވިއްލުމުގެ ފުރުސަތު ދިނުމަށް ފްރާންސް ލީގުގެ ބައެއް މެޗުތައް މެދު ކަނޑާލާފައި ވާތީ އެކަން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ސަމާލުކަމަށް އައިސްފައިވާއިރު، އެކަން އެގޮތަށް ނުކުރުމަށް ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރެފްރީޒް ކޮމިޝަންގެ ހެޑް އެރިކް ބޮރްގީނީ ވަނީ ހުރިހާ ރެފްރީންނަށް އަންގައިފަ އެވެ. އޭނާ އެކަން ރެފްރީންނަށް އެންގީ މެއިލް މެދުވެރިކޮށް ކަމަށް ރިޕޯތުތަކުގައި ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެރިކް ބޮރްގީނީ ހުރިހާ ރެފްރީންނަށް ކުރި މެއިލްގައި ބުނެފައިވަނީ ރޯދަ ވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން މެޗުތަކުގެ ކުޅުން މެދުކަނޑާލުމަކީ ފްރާންސްގެ ފުޓްބޯޅައިގެ ގަވައިދުގައި މުޅިން މަނާ ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ފްރާންސް ލީގުގެ ބައެއް ކުލަބުތަކުގެ ކޯޗުން ހިންހަމަ ނުޖެހުން ފާޅުކޮށްފައިވާއިރު، އެފަރާތްތަކުން ބުނެފައިވަނީ އެކަން އެގޮތަށް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމު ކުރުމުގެ ގޮތުން ނަމަވެސް ރޯދަ ވީއްލުމުގެ ފުރުސަތު މެޗުތައް މެދު ކަނޑާލާފައި ވިޔަސް ދޭން ޖެހޭނޭ ކަމަށެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން މުސްލުމު ކުޅުންތެރިންނަށް މެޗުގެ ތެރެއިން ރޯދަ ވިއްލުމުގެ ފުރުސަތު ނުދޭން މަސައްކަތް ކުރާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގެ ލީގުތަކުން ވަނީ މުސްލިމު ކުޅުންތެރިންންށް ރޯދަވީއްލުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ. އޭތެރެއިން އެއް ލީގަކީ އިނގިރޭސި ޕްރިމިއާ ލީގެވެ. އެ ލީގުންވަނީ ރަމަޟާން މަހު ކުޅޭ މެޗުތަކުގެ ތެރެއިން މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ވަގުތުކޮޅެއް ދިނުމަށް ނިންމައިފަ އެވެ.