English Edition
Dhivehi Edition
ފޮޓޯ:ވަގުތު

މި އަހަރު ސެޕްޓަމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން، މިއަހަރުގެ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހު 16ވަނަ ދުވަހުއެވެ. ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ގާސިމް ފޯމު ހުށަހަޅުއްވާފައިވާއިރު އިތުރު އެހެން އެއްވެސް މީހަކު ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައެއް ނުވެއެވެ.

މީގެކުރިން ޖޭޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން އެ ޕާޓީގެ ލީޑަރަކީ އޮޓޯއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އެހެންނަމަވެސް ޖޭޕީން ފަހުން ވަނީ އެ ޕާޓީގެ ކައުންސިލްގެ މެދުގައި ބޭއްވޭ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ނިންމައިފަ އެވެ. އާ ގާނޫނު އަސާސީ އެކުލަވައިލި ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައިވެސް ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް ވަނީ ވާދަކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ރިޔާސީ އިންތިހާުބުގައި ޖޭޕީއާއި އެކު ކުރިއަށްދާން ނިންމާފައެވެ.