English Edition
Dhivehi Edition

ރައީސް އާ ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅަކު ޕޮލިޓިކަލް މިނިސްޓަރުގެ މަގާމުގައި ހުރުން ބުއްދިވެރިއެއް ނޫން ކަމަށް މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް އެ މަގާމުން ވަކިކުރެއްވުމުން އެކަމަށް ތާއީދު ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓުގައި ރޮޒައިނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް ނިންމެވި ނިންމެވުމަކީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ވެސް އެދުމެއް ކަަމަށެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ކަންވެސް ކުރައްވާ ރޮޒައިނާ ވިދާޅުވީ އިރެއްގައި އެމްޑީޕީ ސަރުކާރު ގެންނަން މަަސައްކަތް ކުރިއެއް ކަމަކު މިއަދު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު އަދި ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅަކު ރައީސްގެ ޕޮލިޓިކަލް މިނިސްޓަރަކަށް ބަހައްޓަވައިގެން ހުރުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުން ޝިފާޒް ވަކިކުރެއްވުމަށް ފަހު، އެ މަގާމަށް މ. ބަނަފްސާވިލާ, އިބްރާހީމް ވަހީދު (އިބްރޭ) ވަނީ ހަމަޖައްސަވާފަ އެވެ.

އިބްރާހިމް ވަހީދަކީ 2009 އިން 2012 އަށް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތް އެންޑް ފެމިލީގެ މަގާމާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗެއާމަންކަމުގެ މަގާމު އިބްރާހީމް ވަހީދު ވަނީ ފުރުއްވާފަ އެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމާއި އެ ކުންފުނީގެ ބޯޑު މެމްބަރު ކަމުގެ މަގާމާއި 2007 އިން 2018 އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވެސް އިބްރާހީމް ވަހީދު ވަނީ ފުރުއްވާފަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގުން ޝިފާޒު ވަކި ކުރި އިރު “ފިކުރެއްގެ ދިރުން” ގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން އަމްރު މުހައްމަދު ރަޝާދު ވެސް ވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުން ވަކި ކުރައްވާފަ އެވެ.