ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް މ. ބަނަފްސާވިލާ, އިބްރާހީމް ވަޙީދު މިއަދު ޢައްޔަންކުރައްވައިފި އެވެ.
އިބްރާހީމް ވަޙީދު މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
އިބްރާހިމް ވަހީދަކީ، 2009އިން 2012އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ.
މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު އިބްރާހީމް ވަޙީދު ވަނީ ފުރުއްވާފައެވެ.
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފައި ވެއެވެ. އަދި 2007 އިން 2018އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސެކްރެޓަރީގެ މަޤާމުވެސް އިބްރާހީމް ވަޙީދު ފުރުއްވާފައި ވެއެވެ.