English Edition
Dhivehi Edition

އެސްޓީއޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމަށް ބޭފުޅެއްގެ ނަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމަށް ހަމަޖެއްސުމަށް ފޮނުވާފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސައީދު އެވެ.

ސައީދަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އޭގެ ފަހުން ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑް (އެމްއެންސީއެލް) އޮފީހުގެ ވެރިޔާގެ މަގާމާއި ކުރިން ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަން ކަން ވެސް އޭނާ ކުރެއްވި އެވެ.

ސައީދު އެސްޓީއޯގެ އެމްޑީއަކަށް ހަމަޖައްސަން ފޮނުވާފައި މިވަނީ، އެ މަގާމުގައި ހުރި ހުސެއިން އަމްރު ވަކިކުރުމާއި ގުޅިގެން ނެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އަމްރު މަގާމުން ވަކިކުރީ، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރެއިން ގެނެވުނު ބަދަލަކާއި ގުޅިގެން ނެވެ.

އަމްރު ވަކިކުރިއިރު، އޭނާ ތާއީދު ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަދި ރައީސް ނަޝީދުގެ ކެމްޕެއިންތަކުގައި އަމްރު ގެންދަވަނީ އިސްކޮށް ހަރަކާތްތެރިވަމުން ނެވެ.