English Edition
Dhivehi Edition

ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުގައި ހުރި އެންޓޯނިއޯ ކޮންޓޭ، އެ މަޤާމު ދޫކޮށްލައިފި އެވެ.

ކުރިން ޗެލްސީ އަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ކޮންޓޭ، ޓޮޓެންހަމް ކޯޗުކަން ދޫކޮށްލަން ނިންމާފައިމިވަނީ 16 މަސް ދުވަހު އެ ޓީމަށް އިރުޝާދު ދިނުމަށް ފަހު އެވެ. ކޮންޓޭ ޓޮޓެންހަމްގެ ކޯޗުކަން ދޫކޮށްލާފައި މިވަނީ ފަހަކަށް އައިސް އެޓީމުން ހޯދަމުން އަންނަ ދައް ނަތީޖާތަކުގެ ސަބަބުން ކުލަބަށް ވަރަށް ބޮޑަށް ފާޑުކިޔުމަށް ފަހުގައެވެ.

ޓޮޓެންހަމް އިން ކޮންޓޭ ޓީމާ ވަކިވިކަން އިއުލާނުކުރުމަށް ފަހު ބުނީ ސީޒަނުގެ ބާކީ ބައިގައި އެ ޓީމަށް އިރުޝާދުދޭނީ ކޮންޓޭގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ކްރިސްޓިއަން ސްޓެލީނީ ކަމަށެވެ.

ކޮންޓޭ، ޓޮޓެންހަމް ކޯޗުކަން ދޫކޮށްލުމާ އެކު، 2019 ވަނަ އަހަރުގެ ފަހުން ޓޮޓެންހަމް އަށް މި ވަނީ ހަތަރު ވަނަ ދާއިމީ ކޯޗަކު ހޯދަން ޖެހިފަ އެވެ.

ޔުވެންޓަސް އާއި އިޓަލީ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން ކޮންޓޭ ވަނީ ޓޮޓެންހަމް އަށް 76 މެޗުގައި އިރުޝާދު ދީފަ އެވެ. އޭގެ ތެރެއިން، 41 މެޗުން މޮޅުވިއިރު، 23 މެޗުން ބަލިވެ، 12 މެޗުން ވަނީ އެއްވަރުވެފަވެ.