English Edition
Dhivehi Edition

ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި ހުކުރު ދުވަހަކީ ޢަރަފާތު ދުވަހަށްވުރެވެސް މާތް ދުވަހެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ” އެދުވަހެއްގެ މައްޗައް އިރު އެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެހެނީ އާދަމުގެފާނު ޚަލްޤު ކުރެއްވުނީ ހުކުރުދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީ ހުކުރުދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނީ ހުކުރުދުވަހެއްގައެވެ. ހަމައެހެންމެ ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތްނުވާ ހުއްޓެވެ.” (މުސްލިމް 854).

ހުކުރު ދުވަހަކީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން މުސްލިމުންނަށް އެންމެ ޚާއްޞަ ދުވަހެވެ. މިދުވަސް ޚާއްޞަވުމުގެ ސަބަބުތައް ގިނައެވެ. މި ދުވަހަށް ޚާއްޞަ ކުރައްވައި އަޅުކަންތައް ލައްވާފައިވުމީ މި ދުވަހުގެ މާތްކަމާއި މަތިވެރިކަން އަންގައިދޭ ކަމެކެވެ. ހުކުރު ވިލޭރެއިން ފެށިގެން، އެ ދުވަހުގެ މާތްކަން ފެށެއެވެ. މި ގޮތުން ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ.” (ރަވާހު ބައިހަޤީ).

މި ދުވަހުގެ މަތިވެރިކަން އިތުރުވެގެންދަނީ މިދުވަހަށްޓަކައި ޚާއްޞަވެގެންވާ ނަމާދެއް ލައްވާފައިވުމެވެ. އެއީ ހުކުރު ނަމާދެވެ. ހުކުރުނަމާދަކީ ފިރިހެނުންގެ ތެރެއިން ބުއްދި ސަލާމަތުންހުރި، މިނިވަން، އަދި ހުކުރު ނަމާދުކުރުމަށް ކުޅަދާނަވެގެންވާ ކޮންމެ ފިރިހެނެއްގެ މައްޗަށް ފަރުޟުކުރައްވާފައިވާ ނަމާދެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލެވޭހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! (ޖުމްޢަ).
ހުކުރު ނަމާދަށް ރައްކާތެރި ވުމަކީ ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށް ވާޖިބު ކަމެކެވެ. އެހެނީ، ޝަރުޢީ ޢުޛުރަކާ ނުލައި ހުކުރު ނަމާދު އަޅައިފި މީހަކު ފާފަވެރިވާނެއެވެ. އަދި ކިއެއްތަ އެއީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. “ފަރުވާކުޑަކަމާއެކު ތިން ހުކުރު އަޅައިފިމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާގެ ހިތުގައި ސިއްކަ ޖައްސަވާ ހުއްޓެވެ.”

ހަމައެހެންމެ ހުކުރު ނަމާދަށް ދިއުމަށްޓަކައި ދަތް އުނގުޅުމާއި، ރީތިވުމާއި، މީރުވަސް ދުއްވުމާއި، އަދި އެންމެ ރީތި ހެދުމެއްލުމަކީ ސުންނަތްވެގެންވާ ކަންތައްތަކެވެ. އަދި ހުކުރު ނަމާދަށް ދިއުމަށްޓަކައި ހިނައިގަތުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި ޚުޠުބާ ކިޔަމުންދާ ވަގުތުގައި ވާހަކަދައްކާ ހެދުމަކީ މަކުރޫހަ ވެގެންވާ ކަމެކެވެ.

ވީމާ، އެ ދުވަހުގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބިގަންނަ ބައެއްކަމުގައި ވުމަށް ގަދައަޅާ އަޅުގަނޑުމެން މަސައްކަތް ކުރަންޖެހެއެވެ.

މަޢުލޫމާތު : ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން ނަގާފައި