English Edition
Dhivehi Edition

މި ރަމަޟާން މަހު، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީޙް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފި އެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ރަމަޟާންމަހަކީ، ކީރިތި ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއެކު، އަނެކުންނަށް އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރުކަން ފާހަގަކުރައްވާފަ އެވެ.

މިއީ، އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް އިޞްލާޙްކޮށް، ޙަޔާތުގެ އާބާތުރަ ފިލުވައި، އިޞްލާޙްގެ މަގުގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް، މާތްﷲ ދެއްވާ މަތިވެރި ފުރުޞަތެއްކަންވެސް އެމަނިކުފާނުގެ ޚިތާބުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ، ރޯދައިގެ އެންމެ މަތިވެރި ރޫޙާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށެވެ. އަދި ރޯދައިގެ އިޖްތިމާޢީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ޞުލްޙަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުން ކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޚިޠާބު ނިންމަވާލައްވާފައި ވަނީ މި މާތް މައްސަރުގެ ނިޢުމަތްތަކާއި ރަޙްމަތާއި ދަރުމައާއި ޘަވާބު، އުންމަތަށް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުން ނެވެ.