English Edition
Dhivehi Edition

ނަހަމަ އާ ބޭއިންސާފާ އެތައް ބަޔަކު ކުރިމަތިލަމުން އަންނައިރު، މި ޙާލަތު ބަދަލުކުރުމަށް އިޖްތިމާޢީ ޚިދުމަތްތެރިންނަކީ މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއްކަން ފާހަގަކުރައްވާ އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައްކޮށް އެދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ސޯޝަލް ވަރކް ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދިޔަ ހަރަކާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ކުރުމަކީ ޢަދުލުވެރި ސުލްޙަވެރި ބާއްޖަވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ޤަބޫލުކުރައްވާކަމުގައެވެ. އަދި އެންމެން ޝާމިލްވާ އިންސާފުވެރި މުޖުތަމަޢެއް އުފެއްދުމަށް އިޖްތިމާޢީ ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތްވެސް އެކަމަނާ ވަނީ މި ވީޑިއޯ މެސެޖުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ވީޑިއޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުނިޔޭގެ ސޯޝަލް ވަރކާސް ދުވަހުގެ މުނާޞަބަތުގައި އިޖްތިމާޢީ ޚިދުމަތުގެ ބުރަ މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވާފައެވެ.

މި ހަރަކާތަކީ އިޖްތިމާޢީ ޚިދުމަތްތެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ އިޖުތިމާޢީ ޚިދުމަތްތެރިންނަށްވަނީ ހަނދާނީ ފިލައެއް ޙަވާލުކުރައްވާފައެވެ.