English Edition
Dhivehi Edition
2022 ވަނަ ައަހަރު ރެހެންދި އެވޯޑު ހާސިލް ކުރެއްވެވި ބޭފުޅުން ރައީސް ގެ ދެކަނބަލުންނާ އި ޖެންޑަރ މިނިސްޓަރ އަދި ނައިބް ރައީސް އާއެކު

އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑު ދިނުމުގެ މި އަހަރުގެ ހަފްލާ މިރޭ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނެފިއެވެ.

2014ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ “ރެހެންދި އެވޯޑު”ގެ މަޤްޞަދަކީ ޤައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަން ކުރުމެވެ.

މި އަހަރު ވެސް ގިނަ ކަނބަލުންތަކެއް މި އެވޯޑަށް ކުރިމަތިލަައްވަވާފައިވާ އިރު ރެހެންދި އެވޯޑަށް ކުރިމަތި ލެވޭ ދާއިރާތަކުގެ ތެރޭގައި:

  1. ވަކި ވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާ
    • ލީޑަޝިޕް އަދި ގަވަރނަންސް
    • އިޤްތިޞާދީގޮތުން ބާރުވެރިކުރުން
    • އިޖުތިމާޢީގޮތުން ބާރުވެރިކުރުން
    • އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ “ނޮން-ޓްރެޑިޝަނަލް ރޯލްސް”
  2. އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ – ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ
  3. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ ހިމެނެއެވެ.

މިދިޔަ އަހަރުގެ ރެހެންދި އެވޯޑު 9 ފަރާތަކުން ހާސިލް ކޮށްފައިވާއިރު 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރެހެންދި އެވޯޑު ހާސިލް ކުރެއްވެވި ހުރިހާ ބޭފުޅުންނަށް މިރޭގެ ހަފްލާއަށް ވަނީ ދައުވަތު އަރުވާފައެވެ.