English Edition
Dhivehi Edition

ރޯދަ އަކީ މަތިވެރި އަޅުކަމެކެވެ. ރޯދައިގެ ސަބަބުން އިންސާނާގެ ޢާއްމު ޞިއްޙަތަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑު ގެއްލުން ދެނިވި ވިހަތަކުން ސަލާމަތްކޮށްދެއެވެ. އެހެންކަމުން ރަމަޟާން މަހަކީ ދުޅަހެޔޮ ސިއްޚަތެއްގައި ދެމިހުރުމަށް ލިބޭ ފުރިހަމަ ފުރުސަތެކެވެ.

ރޯދައަށް ހުރުމަކީ ސިޢްޚީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑުގައި ޖަމާވެފައިވާ ވިހަ މާއްދާތައް ޠަބީޢީގޮތުން ވެސް ސާފުކޮށްދެއެވެ. ރޫޙީގޮތުން އިންސާނާ ޠާހިރުކޮށްދިނުމުގެ އިތުރުން، ރޯދައިގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމުގައި ހުންނަ ވިހަތައް ސާފުކޮށްދެއެވެ.

މުޅިދުވާލު ކެއުމާއި ބުއިމުން މަނާވެގެން ތިބުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށްޓަކައި ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ސަރުބީތައް އަންދަން ފަށައެވެ. އެއާއެކު ސަރުބީގައި ޖަމާވެފައި ހުންނަ ވިހަތައްވެސް އަންދާ ހުލިކޮށްލައެވެ. މީގެ އިތުރުން ހަށިގަނޑުގައި ކޮލެސްޓްރޯލުގެ މިންވަރު ދައްކޮށްދެއެވެ. އޭގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ޞިއްޙަތު ރަނަގަޅުވެއެވެ. ނަތީޖާއަކީ ހިތުގެ ބަލިތަކާއި ހާޓްއެޓޭކްއާއި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަވެގެން ދިއުމެވެ.

ރޯދައިގެ ސަބަބުން ސިކުނޑީގެ މަސައްކަތް ރަނގަޅުވެއެވެ. މީހާގެ މިޒާޖު ރަނގަޅުވުމާއި ހަނދާން ހުރުން އިތުރަށް ރަނގަޅުވުން ހިމެނެއެވެ. އެމެރިކާގެ ސައެންސްވެރިންގެ ޖަމާޢަތަކުން ކުރި ދިރާސާތަކަކުން ހާމަވާގޮތުގައި، މަސްދުވަހު ރޯދައަށް ހުރުމުގެ ސަބަބުން ވަކިކަމަކަށް ފޯކަސްކުރުން އިތުރުވެގެން ދެއެވެ.

މިހެންވަނީ ސިކުޑީގެ ނާރު ތަކަށް އެދުވަސްވަރު ކާނާލިބޭ ގޮތަކުންނެވެ. މީގެ ސަބަބުން ސިކުނޑީގެ ސެލްތައް އިތުރުވެގެން ދެއެވެ. މިއީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކުރާ ސަބަބެކެވެ. ވިސްނުން ސާފުވުމާއި ސްޓްރެސް މަދުވުމަކީ މީގެ ސަބަބެކެވެ.

ރޯދައިގެ ސަބަބުން ފާހަގަކުރެވޭ މިންވަރަކަށް ކޯޓިޒޯލް ކިޔާ ހޯމޯނެއް އުފައްދާ މިންވަރު މަދުކުރެއެވެ. މިއީ އޭގެ ޒާތުގައި ރަނގަޅުކަމެކެވެ.

މީގެ އިތުރުން މިމަހުގެ ތެރޭގައި ގެންގުޅޭ ކެއިންބުއިމުގެ އާ އާދައިގެ ސަބަބުން ކިޔާ (Endorphins) މާއްދާއެއް ލޭގެ ތެރޭގައި އިތުރުވެގެން ދެއެވެ. މީގެ ސަބަބުން ހޭލުންތެރިކަން އިތުރުވެ އުފާވެރިކަން އިޙްސާސް ކޮށްދެއެވެ.