English Edition
Dhivehi Edition

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނާންސް ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އަށް މިއަދު ސޮއިކުރައްވައި ޕާޓީއާ ގުޅިއްޖެ އެވެ.

އޭނާ އެމްއެންޕީ އާ ގުޅި، ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ މެންބަރޝިޕް ފޯމް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް ވަނީ ހަވާލް ކުރައްވާފައެވެ.

އޭނާ ވަނީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވައި، ސަރުކާރާއި ތަފާތު އެކި ކުންފުނިތަކުގައި ވިޔަފާރިއާއި މާލީ ދާއިރާތަކުގެ އެކި މަޤާމުތަކުގައި މަސައްކަތްކުރައްވައި ދިގު މުއްދަތުގެ ތަޖުރިބާ ހޯއްދަވާފަ އެވެ.

އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތު (އޭ.ޔޫ.ބީ) ބެޗެލަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ މުހައްމަދު އަހްމަދު މާސްޓަރސް ޑިގްރީ ޙާޞިލްކުރެއްވީ އިނގިރޭސި ވިލާތުން ނެވެ.

އޭނާ ވަނީ ރާއްޖޭގެ ނަން ހިނގާ ބައެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި އެކި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ވަނީ އަދާކުރައްވާފަ އެވެ.

މީގެ އިތުރުން އައި.ޑީ.ބީ.، ސާކް ޑިވެލޮޕްމެންޓް ފަންޑް، ފަދަ ސަރަޙައްދީ މާލީ އިދާރާތަކުގައި މަސައްކަތް ކުރައްވައި، ތަޖުރިބާ ވެސް ހޯއްދަވާފައި ވެއެވެ.

މުޙައްމަދު އަޙްމަދަ އެމްއެންޕީގައި މަސައްކަތް ކުރައްވުމަށް ހަމަޖެހިފައިވަނީ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ ފައިނޭންސް އެޑްވައިޒަރެއްގެ ގޮތުގަ އެވެ.