English Edition
Dhivehi Edition

އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ވިޔަސް ތަރައްޤީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާޞަބަތުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ވާހަކަފުޅު ފަށްޓަވަމުން އެމަނިކުފާނު ވަނީ މި މުނާޞަބަތުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި މިދިޔަ 75 އަހަރުގެ ތެރޭގައި މި ޚިދުމަތް ރާއްޖޭގައި ތަރައްޤީކޮށް ފުޅާކުރެއްވުމަށް، މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނަށްވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް އަލިއަޅުވާލައްވަމުން، 1948ވަނަ އަހަރު މާލޭގައި، ހުޅުވި “ޑަކްޓަރު ގެ” އާއެކު ދިވެ

ޞިއްޙީ ޚިދުމަތަކުގެ ފެންވަރުމަތިވެ، ޒަމާނީވެގެން ދިއުމުގައި އަމިއްލަ ފަރާތްތަކާއި މާލެއާ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ކްލިނިކުތަކާއި ޞިއްޙީ މަރުކަޒުތަކުން އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.

ޞިއްޙީ ޚިދުމަތުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ކުރެއްވި މުހިންމު ބައެއް މަސައްކަތްތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

އެގޮތުން ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުމާއި 2020 ވަނަ އަހަރުގެ ތެރޭގައި ސްޓްރޯކް ސެންޓަރެއް ޤާއިމުކޮށް ޚިދުމަތް ފެށުމާއި އަދި މި ނޫންވެސް ޞިއްޙީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް، އެތައް ޚިދުމަތެއް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްޤީވަމުން އަންނައިރު ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުން ނެވެ. އަދި ޞިއްޙީ މަރުކަޒުތަކާއެކު މުޅި މި ދާއިރާ ތަރައްޤީވެގެން އަންނައިރު، ޞިއްޙީ އިތުރު ޚިދުމަތްތަކާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްކަން ފާހަގަކުރައްވައި، އަންނަ މެއި މަހުން ފެށިގެން ޞިއްޙީދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާނެކަން ތަކުރާރުކުރެއްވި އެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމާއި އަދި ސްޓޫޑެންޓް ލޯނު ސްކީމާއި ސަރުކާރުގެ ސްކޮލަޝިޕް ސްކީމްގެ ދަށުން، މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައި ލިބެމުން އަންނަ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ހަފުލާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި 8 ބޭފުޅުންނަށް ހަނދާނީ ލިއުމާއި ފިލާ ހަވާލުކޮށްދެއްވާފަ އެވެ.