ރައްޔިތުންގެ ވެރިކަން ގާއިމް ކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ވެސް ވަނީ އިޢުލާން ކުރައްވާފަ އެވެ.
މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޑރ. މުނައްވަރު ވަނީ ސަރުކާރުން އެކި ކަންކަމުގައި ގެންގުޅޭ ސިޔާސަތުތަކަކީ އިތުރު ދައުރެއް ލިބިއްޖެނަމަ ރައްޔިތުން ނުހަނަތު ހިތްދަތިކަމުގައި ތިބެންޖެހޭ ސިޔާސަތުތަކެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމީ އެއްވެސް ސިޔާސީ ލީޑަރަކާއި މަޝްވަރާ ކުރައްވާފައި ނުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކުރިމަތި ލުމާއި އަދި ވަކި މީހެއްގެ ފަހަތަށް އަރުމަށާއި، ސިޔާސީ މަންފާއަކަށް ނަން ނެގުމާއި ގުޅޭގޮތުން ކުރާނެ މަޝްވަރާއެއް ވެސް ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވެސް މީހަކާއި ޑީލެއް ނުހަދާނެ ކަމަށާއި ހަދާ ޑީލޭއް ހަދާނީ ދިވެހި ރައްޔިތުންނާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ވެރިކަން ގާއިމް ކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެކަމަށް މުނައްވަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމީ ޤައުމުގެ ހާލަތު އެކަމަށް މަޖުބޫރު ކުރުމުން ކަމަށާއި ރާއްޖޭގެ މިއަދުގެ ހާލަތަކީ ރާއްޖެ އެކި ދުވަސްވަރު އަޅުވެތިވެފައި އޮތް ހާލަތަށްވުރެވެސް ދަށް ހާލަތެއް ކަމަށް ވެސް ޑރ. މުނައްވަރު ވިދާޅުވު އެވެ.