English Edition
Dhivehi Edition
އަލިފާނުގެ ހާދިސާ ހިނގި ގޭގެ އެތެރެ - ފޮޓޯ: އަވަސް

ކޮންމެ އަހަރަކުވެސް އެމްއެންޑީއެފް އިން ކުރިއަށް ގެންދާ ފަޔަރ ސޭފްޓީ ވީކް މި އަހަރުވެސް ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ކުރިއަށް އޮތީ ރަމަޟާންމާހާ ދިމާކޮށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މިއަހަރުގެ ޝީއާރަކީ ‘ރޯވުމުގެ ކުރިން ސަމާލުވެ ލައްވާ’އެވެ.

އެމްއެންޑީއެފް އިން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އުތުރާއި މެދު އަދި ދެކުނު އޭރިއާގެ ކޮމާންޑަރު ސެންޓަރުތަކުން އެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް އިން ބުނީ މިފަހަރުގެ ފަޔަރ ވީކްގައި ތިން ސްޓޭންޑެއް ބެހެއްޓިގެން ދާނެކަމަށެވެ. އެ ގޮތުން ކިޗަން ސެމިއުލޭޓާ ސްޓޭންޑާއި، ކައްކާ ގޭސް ސްޓޭންޑާއި އަދި ބްލެންކެޓް ސްޓޭންޑް ހުންނާނެކަމަށެވެ. މި ޕްރޮގްރާމްގެ ތެރެއިން ސްޓޭންޑަޑްތަކަށް ޒިޔާރަތްކޮށްގެން އިނާމު ލިބިގެންދާނެއެވެ.

މާލެ ސަރަހައްދުގެ ފުރަތަމަ ޕްރޮގްރާމް މިއަދު ހަވީރު 4:15 ގައި ރަސްފަންނު ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވާއިރު ދެވަނަ ޕްރޮގްރާމް މާދަމާ ހަވީރު އާޓިފިޝަލް ސަރަހައްދުގައެވެ. މި ޕްރޮގްރާމް އަންގާރަދުވަހުގެ ހަވީރު 4:15 ގައި ވިލިމާލެ ރުއްގަނޑު ސަރަހައްދުގައި ކުރިއަށް ގެންދާއިރު ބުދަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ހުޅުމާލެ ރުއްގަނޑު2 ސަރަހައްދުގައެވެ. މި މަހުގެ 18 ވަނަ ދުވަހު ތިލަފުށީ ފުޓްބޯޅަ ދަނޑުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ.