English Edition
Dhivehi Edition

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ސްކޫލްތަކުގެ ދަރިވަރުންނަށް ހެލްތް ސްކްރީނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ފަށައިފި އެވެ.

މިއީ އެ ހޮސްޕިޓަލާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މާލެ ސިޓީ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރައިމަރީގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އައިޖީއެމްއެޗުން ބުނީ މި ހަރަކާތުގައި އަައި.ޖީ.އެމް.އެޗްގެ ކުޑަކުދިންގެ ބަލިތަކާއިބެހޭ ޑިޕާޓްމެންޓްގެ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން އަދި އިންޓަރންސް އިން ބައިވެރިވާ ކަމަށެވެ.

އަައި.ޖީ.އެމް.އެޗްގެ މެޑިކަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ އިސްނެންގެވުމުގެ މަތިން މި ހަރަކާތް ފެށިފައިވަނީ 22 ފެބްރުއަރީ 2023ގަ އެވެ. އިމާދުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގްރޭޑް 1 އިން 98 ދަރިވަރުން، ގްރޭޑް 4 އިން 95 ދަރިވަރުން އަދި ގްރޭޑް 7 އިން 34 ދަރިވަރުން ވަނީ މި ސްކްރީނިންގ ފުރިހަމަކޮށްފަ އެވެ.

މި ޕްރޮގްރާމް ހެޑްކުރައްވާ، އަައި.ޖީ.އެމް.އެޗްގެ ކުޑަކުދިންގެ ބަލިތަކާއިބެހޭ ޑިޕާޓްމެންޓްގެ އިސް ޑޮކްޓަރ، ޑރ. އަޙުމަދު ފައިސަލް ވިދާޅުވީ މި ސްކްރީނިންގ ގެ މައިގަނޑު އަމާޒަކީ ކުޑަކުދިންގެ މެދުގައި އާންމުކޮށް ފެތުރޭ ސިއްޙީ މައްސަލަތައް ދެނެގަނެ، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އެޅުން ކަމަށެވެ.

“މި ކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަށް އެހީއަކަށް ވެގެން ދާނެ” ޑރ. ފައިސަލް ވިދާޅުވި އެވެ.

މި ހަރަކާތް ކަލާފާނު ސުކޫލުގައި މިހާރުވެސް ކުރިޔަށްދާ ކަމަށާއި މީގެ އިތުރުން މާލެ ސިޓީ ސަރަހައްދުގެ ގިނަ ސްކޫލްތަކުގައި މިހަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އ3ައިޖީއެމްއެޗުން ބުންޏެވެ.

އައި.ޖީ.އެމް. ހޮސްޕިޓަލުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއި އެކު ވަރަށް ފުޅާ ދާއިރާއެއްގައި ބޭސްފަރުވާއާއި ސިއްޙީ ޚިދުމަތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެމުން ނެވެ. މިގޮތުން، ހެލްތް ސްކްރީން ކުރުމާއި، ސަރޖަރީއާއި، ސްޕެޝަލިސްޓް އޯޕީޑީ، އަދި މި ނޫންވެސް ތަފާތު ގިނަ ސިއްޙީ ޙިދުމަތްތައް ދަނީ ފޯރުކޮށްދެމުން ނެވެ.