އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި އިންޑިޔާގެ ރެނާޓަސް ކުންފުންޏާއެކު ސޮއި ކޮށްފިއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާގެ) ލޯނު އެހީ ބޭނުންކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
ހ. މީރުމާގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރެނާޓަސް ކުންފުނީގެ ޗެއާމަން ސިލްވަސުންދަރަމް ޕޫސަޕާންއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއާއެކު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔާ ސްޓޭޝަނެއް ވެސް އެ މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން އެއާޕޯޓުގެ މަގުތަކާއި އެއާޕޯޓްގެ ޕާކިން ސަރަހައްދުތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން ބުނީ އެ މަޝްރޫއަކީ ދެކުނުގެ އަތޮޅުތަކަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި އެއީ މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭނެ އުއްމީދީ މަޝްރޫއެއް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ދެކުނުގެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީ ކުރުމުގައި ގަން އިންޓަނޭޝަލް އެއާޕޯޓް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަމާއި ފާގަތިކަން އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަން ސަރުކާރުން ފާހަގަކުރެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ ދެކުނުގެ ރަށްރަށަށް މުހިއްމު ޕްރޮޖެކްޓެއް ކުރިއަށްގެންދަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ފަހުން ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި ކަމަށާއި އެކަން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މަހާވަރު ވިދާޅުވި އެވެ.