English Edition
Dhivehi Edition

ދިވެހިންނަށް ކޮލޮމްބޯއަށް ނުގޮސް ރާއްޖޭގައި ތިބެގެން އިނގިރޭސިވިލާތުގެ ވިސާ ޖެހޭނެ އިންތިޒާމް ކައިރި މުސްތަޤްބަލެއްގައި ހަމަޖެއްސުމަށް މަޝްވަރާކުރަމުން އަންނަކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށާއި، ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާން ވިދާޅުވެއްޖެއެވެ. ޝިޔާން ވިދާޅުވީ އިނގިރޭސިވިލާތުގައި ގިނަ ޢަދަދެއްގެ ދިވެހި ކިޔަވާކުދިން މިހާރުވެސް ތިބިކަމަށާއި އިނގިރޭސިވިލާތަށް ކިޔަވަން ދާންބޭނުންވާ ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ކޮލޮމްބޯއަށް ނުގޮސް ރާއްޖޭގައި ތިބެގެން ވިސާ ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ކަމަށް ޝިޔާން ވިދާޅުވިއެވެ. މިހާރު އިނގިރޭސިވިލާތުގެ ވިސާޖެހުމަށް ދިވެހިން ދަނީ ކޮލަމްބޯގައި ހުންނަ އިނގިރޭސި އެމްބަސީއަށެވެ. ރާއްޖޭގެ ފޮރިންގ މިނިސްޓްރީން އަންނަނީ ކޮންމެ އަހަރަކުވެސް އޮގަސްޓްމަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ވިސާ އޮފިޝަލުން ރާއްޖެގެނެސް ވިސާ ޖެހޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ. ޝިއާން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް މަހުވެސް އިނގިރޭސި ވިސާ އޮފިޝަލުން ރާއްޖެ އަންނާނެ ކަމަށާއި، ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.