English Edition
Dhivehi Edition

ސްޓްރެޓެޖިކް އެސެޓް ވިއްކާލުމަކީ މަންމަގެ ފައްޓަރުބައި ވިއްކާލުން ފަދަ ކަމެއް ކަމަށާއި އެއީ ވަރަށް ފުންކޮށް ވިސްނަން ޖެހޭކަމެއް ކަމައް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ތައުރީފް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދަައްކަވަމުން މެމްބަރު ޝަރީފް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާލާފައި ވަނިކޮށް އެއާޕޯޓް އަލުން ހޯދައި އެކުންފުންޏަށް ބަދަލު ދިނުމަށްފަހު އެއާޕޯޓް ތަރައްގީ ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި މަސައްކަތައް ތައުރީފް ކުރައްވަވާފައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގެ ޕޯޓާއި އެއާޕޯޓް ވެސް ތަރައްގީ ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެތަންތަން އަމިއްލަ ފަރާތްތަކަށް ވިއްކާލައިގެން ނުވާނެ ކަމަށެވެ.

“ފައިދާ ނުވާކަމަށް ބުނެވެސް ވިއްކައިގެން ނުވާނެ ތަންތަން ހުންނާނެ ފައިދާ ނުވާތީ އައްޑޫ ހޮސްޕިޓަލް ވިއްކާލުން. ފައިދާ ނުވާތީ އައިޖީއެމްއެޗް ވިއްކާލުން. މިއީ ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި އޮންނައިރު، ދައުލަތެއްގެ ގޮތުގައި އޮންނައިރު ކޮށްގެން ވާނެ ކަމެއް ނޫން.” ޝަރީފް ވިދާޅުވިއެވެ.

ނަޝީދުގެ ވެރިކަމުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ކޭބަލް އެންޑް ވަޔަލެސް ކުންފުންޏަށް ވިއްކާލި މައްސަލައަށް އަލިއަޅުވަމުން ޝަރީފް ވިދާޅުވީ މިއަދުގެ އެކަމުގެ ސަބަބުން ރާއްޖޭގެ އިންޓަނެޓް އަގުހެޔޮ ކުރުމަށް ދައުލަތުގެ ބާރު އެކަށީގެންވާ ގޮތެއްގައި ދިރާގުގެ މައްޗަށް ނެތްކަމަށެވެ.

” އެމްޑަބްލިއުއެސްސީގެ ހިއްސާގެ %20 ވިއްކާލުމުން އޭގެ އަގު އަދިވެސް ދިވެހި ރައްޔިތުން ދަނީ ދައްކަމުން. ޖީއެމްއާރްއަށް އެއާޕޯޓް ދިނުމުން ދެވަނަ ރަންވޭއެއް އެއާޕޯޓްގައި އެޅުމުގެ ފުރުސަތު ވެސް ގެއްލުނު . ނަމަވެސް އެއާޕޯޓް އަނބުރާ އަތުލައި، ދެވަނަ ރަންވޭއެއް އެއާޕޯޓްގައި އެޅުން އެއީ ވަރަށް ރަނގަޅަށް ޔާމީން ކުރިކަމެއް . އަޅުގަނޑު ޔާމީންގެ ސަރުކާރަށް ތައުރީފް ކުރަން ދެވަނަ ރަންވޭއެއް އެޅިކަމަށްޓަކައި ” ޝަރީފް ވިދާޅުވިއެވެ.