English Edition
Dhivehi Edition

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލިކަން ސާބިތުވެ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މާރާލީ 20 މާރިޗް 2015 ގައެވެ. އޭގެ 7 އަހަރު ފަހުން ޒިޔަދަމް މަރާލުމުގެ ކުށުގައި އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫން މަރަން އަދި އެ ރަށު ބީޗްވިލާ އަލީ ސިފާމް އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަދުއެވެ.

ޒިޔަދަމްގެ ވާރިސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބި ނުވަ ވާރިސުން ވެސް ގިސޯސް ހިފަން ބޭނުންވާ ކަމަށް ޝަރީއަތަށް ވަނީ ހެކިބަސް ދީފައެވެ.ޒިޔަދަމްގެ މަންމަ މަރިޔަމް މޫސާ ދުނިޔޭގައި ހުރި އިރު ފުލުހުންނަށް ދީފައިވާ ބަޔާނުގައި އޭނަވެސް ވަނީ މަރަށް މަރު ހިފަން ބޭނުންކަމަށް ބުނެފައެވެ.

މިމައްސަލާގައި ދައުލަތުން ބުނެފައިވަނީ ޒިޔަދަމް އަށް ހަމަލާދިން ރޭ އެރަށު ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ޝަނޫން އާއި ސިފާމް އެތަނަށް ގޮސް ޒިޔަދަމްއަށް ކަތިވަޅިއަކުން ހަމަލާދީފައިވާކަމަށެވެ. އަދި ޒިޔަދަމްގެ ހަށިގަނޑު ހިފައިގެން ބަޔަކު ހޮސްޕިޓަލަށް ދަނިކޮށް ޝަނޫން އޭގެ ތެރެއިން މީހަކަށް ހަމަލާދީ، ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދެއްކި ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.