English Edition
Dhivehi Edition
އައްޑޫސިޓީ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖް: ފޮޓޯ/ ޝާމިން

އައްޑޫސިޓީ ކަނބަލުން އުފައްދާ ތަކެތި ވިއްކުމަށްޓަކައި އެ ތަކެތި ބަހައްޓާނެ ކޯނަރެއް އަންނަމަހުން ފެށިގެން އީކުއޭޓަރވިލެޖުގައި ހުންނާނެ ކަމަށް ވިއަމްއިން ބުނެފިއެވެ.

ވިމެން އެންޓަރޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއަމް)ގެ ރައީސާ ޝާއިރާ ސަލީމް ވިދާޅުވީ ސަޓާގެ މުނާސަބަތާ އެކު މަރަދޫގައި ބޭއްވި އައިލެންޑް ފެސްޓިވަލުން އައްޑޫ ކަނބަލުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަމާއި، ވައްޓަފާޅި ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ. އެހެންނަމަވެސް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ ގޮތެއް އެމީހުންނަށް ނެތްކަމުގެ ޝަކުވާ ވަރަށް ބޮޑަށް އެ މީހުންކުރި ކަމަށް ވިދާޅުވިއެވެ.

ޝާއިރާ ވިދާޅުވީ އެމީހުންގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމަށް ކުރެއްވި މަސައްކަތުން އީކުއޭޓަވިލެޖުގެ ލޮބީ އޭރިއާއިން ކޯނަރެއް ހަމަޖެހިފައިވާ ކަމަށެވެ. “އަޅުގަނޑު އައްޑުއަށް ގޮސްފައި މާލެއައީ އައްޑޫ ކަނބަލުންނަށް ގޮތެއް ހޯދައި ދިނުމުގެ އަޒުމުގައި. އެގޮތުން ބައެއް ރިސޯޓުތަކުގެ ވެރިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން އީކުއޭޓަރވިލެޖުންވަނީ އެތަނުގައި އެ ސާމާނު ވިއްކަން ބަހައްޓައިދޭނެ ކަމަށް ވިދާޅުވެފައި. އަންނަ މަހުން ފެށިގެން އެކަން ކުރިއަށްދާނެ އިރާދަ ކުރެއްވިއްޔާ،” ޝާއިރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީކުއޭޓަރވިލެޖުގެ އޮކިޔުޕަންސީވެސް އަންނަ މަހުން ފެށިގެން ރަނގަޅުވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން އައްޑޫ ކަނބަލުންގެ އުފެއްދުންތައް ވިއްކާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އެތަނުގެ ސީއެސްއާރުގެ ދަށުން ކޮށްދެއްވާ ކަމެކެވެ.

“މިކަން މިކުރަނީ ވިއަމްއިން ހިންގާ ސްވެނިއަރ ސަފާރީ ޕްރޮގްރާމްގެ ދަށުން. އީކުއޭޓަރވިލެޖުން މިހާރުވަނީ އެއްބަސްވެފައި އަންމަހުން ފެށިގެން ހޮޓަލުގެ ލޮބީ އޭރިއާއިން ކޯނަރއެއް ދެއްވުމަށް އަންހެނުންގެ އުފެއްދުންތައް ޑިސްޕްލޭ ކޮށްފައި އެވިއްކޭނެ ގޮތަށް އެތާބަހައްޓައިދޭން،” ޝާއިރާ ވިދާޅުވިއެވެ. އެއީ އައްޑޫގެ މަސައްކަތްތެރި ކަނބަލުންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ޝާއިރާ ވިދާޅުވިއެވެ.

“މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެއްޗެހި ގެނެސްގެން އައްޑޫގައި ބަހައްޓައިގެން އެ އެއްޗެއްސެއް ނުވިއްކާނަން. އަޅުގަނޑުމެން އީކުއޭޓަރވިލެޖުގައި ސިލެކްޓް ކުރާނީ އައްޑޫ ކަނބަލުންގެ މަސައްކަތް. އެ ސިލެކްޓް ކޮށްގެން އޭގައި އޮތެންޓިކް މޯލްޑިވްސްގެ ލޯގޯއެއް ޖަހައިގެން އެ ވިއްކައިދޭނީ،” ޝާއިރާ ވިދާޅުވިއެވެ.