English Edition
Dhivehi Edition

ތިރީސް އަހަރުވަންދެން އެއްތަނެއްގައި ވަޒީފާ އަދާކުރުމަކީ މަދުން ނޫނީ ނުވާނެ ކަމެކެވެ. އެ މަދުމީހުންގެ ތެރޭގައި ގދ. ރަތަފަންދޫ، ފަރިމާގޭ އަލީ މުހައްމަދު މިހާރު ހިމެނޭނެއެވެ.

އައްޑޫސީޓީ ގަމުގައި ކައިމޫ ހޮޓަލްސް އެންޑް ރިސޯޓްސް އިން ހިންގާ އީކުއޭޓަރވިލެޖު ރިސޯޓުގައި އޭނާ މަސައްކަތްކުރާތާ މިހާރު ތިރީސްއަހަރުވީއެވެ.

އޭނާ ކައިވެނިކޮށްގެން އުޅެނީ ފޭދޫމީހަކާއެވެ. އޭނާއަށްވަނީ ހަތްދަރިން ލިބިފައެވެ. އެއީ 3 އަންހެން ކުދިންނާއި، 4 ފިރިހެން ކުދިންނެވެ. އެކުދިންތައް ބޮޑުކުރީވެސް އީކުއޭޓަރގައި މަސައްކަތް ކޮށްގެން ކަމަށް އޭނާބުންޏެވެ.
އީކުއޭޓަރވިލެޖުން އޭނާއަށް ފުރަތަމަ ލިބުނު ވަޒީފާއަކީ ބަދިގޭ ތަށިދޮވުމުގެ ވަޒީފާއެވެ. އެއަށްފަހު މަސްކެނޑުމެވެ. އެއަށްފަހު ޕޭސްޓްރީގައި މަސައްކަތް ކުރިއެވެ. އެފަހުން މައި ބަދިގެއަށް ބަދަލުވިއެވެ. ބޮޑެތި ކެއްކުންތަކާއި އޯޑަރަށްތަކެތި ހެދުން އޮންނަނީ މައި ބަދިގޭގެއެވެ. އެހީސާބުން އޭނާގެ ކެރިއަރު ފެށުނީއެވެ. ކުކަކަށް ނުވަތަ ކައްކާއަކަށްވީ އެތަނުންނެވެ.

“މާލޭގައި ހުރެފައި ފޭދުއަށް އައިތަނުން އީކުއޭޓަރއިން ވަޒީފާލިބިއްޖެ. ވަޒީފާ ލިބުމުން ދެން ދޫނުކޮށްހުރީ. މީގެ ކުރިން ފަރުކޮޅު ފުނަދޫކަހަލަ ބައެއް ރިސޯޓުތަކުގައިވެސް މަސައްކަތްކުރިން. އެހެންނަމަވެސް ކައްކާއަކަށްވީ އީކުއޭޓަރއިން. ދާއިރާއިން އެފްއެންބީ ކޯސްވެސް ހަދާފައި ހުންނާނީ. އެތެރޭގެ ޓްރެއިނިން ތަކުން ގިނައެއްޗެހި އެނގުނީ. މިހާރު އަހަންނަނީ މިތަނުގެ އެއް ކުކު،” އަލީ ބުންޏެވެ.

އެވަޒީފާ އޭނާ އަދާކުރަނީ ކުރާހިތުންނެވެ. އެއްތަނެއްގައި ގިނަދުވަސްވުމުން އެތަނަށް އޮންނަ ލޯބި އޭނާގެ ހިތުގައިވަނީ އީކުއޭޓަރވިލެޖާމެދު އުފެދިފައެވެ. އޭނާއަކީ މީހުންނަށް ވަރަށްގުޅޭ މީހެކެވެ. “އަލިބެ ދަންނަ ފަތުރުވެރިން ދުނިޔޭގެ ކަންކޮޅުތަކުގައި ވަރަށްގިނަވާނެ. އޭނާއަކީ ވަރަށް ރަނގަޅު މީހެއް. ރައްޓެހި ރަހުމަތްތެރިންނަށާއި، ތަނަށް އަންނަ ގެސްޓުންނަށްވެސް ވަރަށްހެޔޮވާނެ އަލިބެ،” އީކުއޭޓަރވިލެޖުގައި އޭނާއާއެކު މަސައްކަތްކުރާ ކުއްޖަކު ބުންޏެވެ.

ގެސްޓުންގެ ރުހުން އޭނާއަށް ވަނީ ލިބިފައެވެ. އެއާއެކު އޭނާއަށް މިވަގުތު ލިބިފައިވާ އެންމެބޮޑު ހިތްހަމަޖެހުމަކީ އީކުއޭޓަރގައި ދިވެހި މެނޭޖުމެންޓެއް އޮތުމެވެ. ބޭރު މެނޭޖުމެންޓެއް އޮތުމުން ދިވެހިންނަށް އިސްކަން ދިނުމާއި ކުރިއެރުމަށް މަގުފަހިކޮށް ދިނުމުގައި ހުރަސްތައް ހުންނަ ކަމަށް އޭނާ ބުންޏެވެ.

“ފާއިތުވި 30 އަހަރަށް ބަލާއިރު މިހާރުގެ މެނޭޖުމެންޓުން ވަރަށް މަސައްކަތްކުރޭ ކަންކަން ރަނގަޅުކުރަން. ދިވެހި މެނޭޖަރުން ތިބޭއިރު މާރަނގަޅު ކަމަށް ފެނޭ. މިހާރުގެ މެނޭޖުމެންޓުން ވަރަށްބޮޑަށް މަސައްކަތްކުރޭ ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން. އެހެންވީމާ އެންމެންގެ ތެރޭގައި އެކުލުންތެރިކަން ކުރިއަށްވުރެ ބޮޑަށް މިހާރުއަންނަނީ އަށަގަންނަމުން،” އޭނާ ބުންޏެވެ.

ދެންއޮތީ ފަތުރުވެރިންގެ އެތަނާ މެދުދެކޭގޮތް އަލީއަށް ސިފަވާގޮތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ފަތުރުވެރިން އެންމެ ގަޔާވާ މަންޒިލަކީ ހަމަ އީކުއޭޓަރވިލެޖެވެ. “މިރާއްޖޭގައި ނުހުންނާނެ މިއަށްވުރެ ގެސްޓުން ހިތްހަމަޖެހޭ އެއްވެސްތަނެއް. އެތަން ޑިޒައިން ކޮށްފައި ހުންނަ ގޮތާއި ގާޑަންގެ ރީތިކަން އެއީ އެއްސަބަބު. މައިގަނޑު ސަބަބަކީ އެމީހުންނަށް އެބަދެވޭ ކޮންމެ ތާކަށްވެސް އެއްވެސް ޖެހިލިމެއް، ނުރައްކަލެއްނެތި މިނިވަންކަމާއެކު. ރިސޯޓުތައް ކިތަންމެ ފުރިހަމަވެފައި ރީއްޗަކަސް އެމީހުން އުޅެނީ އެތެރޭގައި ނޫންތޯ. ބޭރަކަށް ނުދެވޭ ނޫންތޯ. އިތުރަށް ބޭރަށް ދެވޭނީ އެމީހުންގެ އަތުން ޚަރަދެއް ކޮށްފައި. މިތަނުން ފެނޭ ދިވެހިންގެ ދިރިއުޅުމާއި އާދަކާދަ. ގިނަ ފަތުރުވެރިން ބޭނުންވާނީ ދިވެހިންގެ ގޮތަށް ދިވެހި ސަގާފަތަށް ރާއްޖޭގައި އުޅެން ކަމަށް އެމީހުންގެ ވާހަކަތަކުން އެނގޭ،” އޭނާ ބުންޏެވެ.

ލަންކާ ފަދަ ގައުމުތަކާއި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި އުޅެފައި އަންނަ ޓޫރިސްޓުންވެސް އެތަންތަނަށްވުރެ އީކުއޭޓަރވިލެޖު ރަނގަޅު ކަމަށް ބުނާކަމަށްވެސް އޭނާ ބުންޏެވެ. އެހެން ބުނުމަކީވެސް އަލީއަށް ލިބޭ ހިތްވަރެކެވެ. އެ ބުނާ ބުނުން ތެދު ކުރުމަށް ނުވަތަ އެކަން ދެމެހެއްޓުމަށް އަލީ ހުރީ އޭނާއަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށެވެ. މެނޭޖުމެންޓުންވެސް އެކަން އެގޮތަށް ކޮށްދޭނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

އޭނާބުނީ އީކުއޭޓަރވިލެޖަށް ލިބޭކުރިއެރުންތައް ދެމެހެއްޓުމަށް އައްޑޫ ޒުވާނުން ނުކުންނަން ޖެހޭ ކަމަށެވެ. “މިއީ ޒުވާނުން އުޅެންވަރަށް ރަނގަޅު ދާއިރާއެއް. ކުޑަހިތްވަރެއް ކޮށްލަންޖެހޭނީ. މަސައްކަތަށް ފަރުވާ ބަހައްޓައިގެން ބަރާބަރަށް ވަޒީފާއަށް ނުކުންނަންޖެހޭނެ. މިތާ މިހާ ގިނަދުވަސްވީއިރުވެސް އެންމެ ދެފަހަރަކު އަހަރެން ޗުއްޓީއަށްވެސް ގޮސްފައި ހުންނާނީ. ދުވަހަކުވެސް ވަޒީފާއަށް ނުނުކުމެވެސް ނުހުންނާނެ” އަލީ ބުންޏެވެ.