އައްޑޫސިޓީ ގަން އީކުއޭޓަރވިލެޖު ގެ އަޑުގަދަ ވެއްޖެއެވެ. އެނަން މުޖުތަމައުގައި މަގުބޫލުވެއްޖެއެވެ. ބައިނަލްއަގުވާމީ މެހެފިލްތަކުގައި އެނަން ވިދަން ފަށައިފިއެވެ. އެނަން އަތްމަތީ ބަހަކަށް ވެއްޖެއެވެ.
ހަނދާނަށް އަންނަނީ އެތަނުގެ މެނޭޖަރު މުހައްމަދު ވަހީދު ވިދާޅުވެފައިވާ އުންމީދީ ވާހަކައެކެވެ. “އަޅުގަނޑުމެން ވަރަށް ބޭނުންވޭ މިތަނަކީ ހަމައެކަނި ޓޫރިސްޓުންނަށް ޚިދުމަތްދޭން ހުންނަ ތަނަކަށްވުރެ ބޮޑަށް މުޖުތަމައަށް ކަމެއް ކޮށްދޭ ތަނަކަށް ހަދަން. އަޅުގަނޑުމެންގެ އަސްލު މަގުސަދަކީ މިތަނަކީ ޓޫރިޒަމް ދާއިރާގައިވެސް އަދި މުޖުތަމައުގައިވެސް “އައިކަން” އަކަށް ހެދުން. އަދި މީހުންގެ ދޫމަތިން އަބަދު އީކުއޭޓަރ ވިލެޖު، އީކުއޭޓަރ ވިލެޖު ކިޔުން،” މިއީ ވަހީދު ވިދާޅުވި ވާހަކައެކެވެ. އޭނާގެ އުންމީދެއެވެ.
ވަހީދުގެ އުންމީދުތައް މިދަނީ ހާސިލް ވަމުންނެވެ. އޭނާއާއި ޓީމުގެ މަސައްކަތުން އީކުއޭޓަރވިލެޖަށް އަންނަނީ ފާގަތިކަން އަންނަމުންނެވެ. އެތަނުގައި މިހާރު ބޮޑެތި ކޮންވެންޝަންތައް ބާއްވައެވެ. އިންޓަރނޭޝަނަލް އަދި ނޭޝަނަލް ފެންވަރުގައެވެ. ސިޓީގެ ފެންވަރުގައެވެ. އަމިލަ ޖަމްއިއްޔާ ޖަމާއަތުގެ ފެންވަރުގައެވެ. އެތަނުގައި ކުދިކޯސްތައް ހިންގައެވެ. ވޯކްޝޮޕްތަކާއި ސެމިނާރތައް ބާއްވައެވެ. ކައިވެނި ހަފްލާތައް ބާއްވައެވެ.
މިއަހަރު ބޭއްވި ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސަޓާ) ވެސް ބޭއްވީ އެތަނުގައެވެ. އޭގެ އިތުރަށް ސަރުކާރުގެ ބައެއް މުއައްސަސާތަކުން ބާއްވާ ޚާއްސަ ހަރަކާތްތައްވެސް ބާއްވަނީ އެތަނުގައެވެ. އައްޑޫގެ އިސްރަށްވެހިންނާ ބައްދަލު ކުރުމުގެ ޚާއްސަ ހަފްލާވެސް ބޭއްވި އެތަނުގައެވެ. އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ވިއަމްއާއި، ދިވެހިރެޑްކްރެސެންޓު ފަދަ ތަންތަނުގެ މުހިންމު ހަރަކާތްތައް އައްޑޫގައި ބާއްވާ ތަނަކަށް އެތަންވެއްޖެއެވެ.
މިހުރިހާ ކަމެއްގެ ސަބަބުން އެތަންވަނީ މުޖުތަމައަށް ހުޅުވިފައެވެ. އައްޑޫ ރައްޔިތުންނާ ގާތު ޚިދުމަތްދޭ ތަނަކަށް ވެފައެވެ. އައްޑޫ ރައްޔިތުން އުފަލާއެކު ބަލައިގަންނަ ތަކަށް އެތަންވެއްޖެއެވެ. ބަޔަކު ކަމެއް ބާއްވަން ތަނަކާމެދު ވިސްނާއިރު އެންމެ ފުރަތަމަ ސިކުނޑިއަށް މިހާރު އަންނަނީ ރީތީ އީކުއޭޓަރވިލެޖެވެ. އެތަނުގައި ހިތްގައިމު މާހައުލެވެ. އެތަނުގެ ފެހި ބަގީޗާތަކެވެ.
މިކަންކަން މިހެންވުމުގެ ފަހަތުގައި ކޮންމެވެސް ބޭފުޅަކު ހުންނަވާނެއެވެ. އެއީ އެތަނުގެ ރިސޯޓު މެނޭޖަރު ވަހީދު ނޫން ދެވަނަ މީހެއްނޫންނެވެ. ދެންއޮތީ އޭނާގެ ހީވާގި ޓީމެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ކަންކަންކުރެވޭނީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެގެންނެވެ. ހިއްސާ ކޮށްގެންނެވެ. “އެހީވުމަކީ ހަމައެކަނި ފައިސާ ދިނުމެއްނޫން. އޭގެ ބަދަލުގައި މުޖުތަމައު ބޭނުންވާ ކަންކަމަށް މަގު ފަހިކޮށްދިނުމަކީވެސް ވަރަށްބޮޑު އެހީއެއް. އެފަދަ އެކަން މުޖަތަމައަށް ކޮށްދޭން އަޅުގަނޑުމެން ތައްޔާރު. އަޅުގަނޑުމެން ބޭނުންވޭ ލޯކަލް ކޮމިޔުނިޓީއާ ގުޅުން ބާއްވަން. އެމީހުން ބަލައިގަންނަ ތަނަކަށް މިތަންވާން،” ވަހީދު ވިދާޅުވެފައިވެއެވެ.
މިކަން ކަމަށް ބަލާއިރު ވަހީދުގެ އުންމީދުތަކަށް މިވަނީ ވަރަށްބޮޑު ކުރިއެރުމެއް ލިބިފައެވެ. އެހެންނަމަވެސް އޭނާގެ އުންމީދުތަކަށް ބަލާއިރު މިއީވެސް ކުޑަވަރެކެވެ.
ސަޓާއެވޯޑަށް އައި އިސްބައެއް މީހުންވެސް ބުނެފައިވަނީ އާއިލާއާއެކު ޗުއްޓީހޭދަ ކުރުމަށް އީކެއޭޓަރވިލެޖަށް އަންނާނެ ކަމަށެވެ. ސަބަބެއް ނެތިއެއްނޫނެވެ. އެތަނުން ލިބުނު މެހުމާންދާރީއާއި، އެތަނުން ފެނުނު ރަށްފުށުގެ ބައެއް ކަންކަމާއި، އެ ހިމޭން މާހައުލެވެ. އެކަންކަން ވަނީ އެ މީހުންގެ ހިތްދަމައިގެންފައެވެ. އީކުއޭޓަރވިލެޖުގެ ހިމޭން މާހައުލު އެމީހުންގެ ހިތްދަމައިގެންފިއެވެ.
އީކުއޭޓަރވިލެޖުގެ މިހާރުގެ މެނޭކުމެންޓުން އެތަނަށް ބޮޑެތި ބަދަލްތައް އެބަގެނެއެވެ. ތަނުގެ އޮނިގަނޑުން ފެށިގެން ޚިދުމަތްތަކާ ހަމައަށް މިހާރުވަނީ އެދެވޭ ބަދަލުތައް ގެނެސްފައެވެ. އަދިވެސް އަންނަނީ ގެންނަމުންނެވެ.
ސާޓާ އެވޯޑު ހަފްލާ އެތަނުގައި ބޭއްވުމަކީ އެތަން ޕްރޮމޯޓު ކުރަން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށް ބެލެވިދާނެއެވެ. އެ ހަފްލާ ވެގެންދިޔައީ ބޭރުދުނިޔެއަށްވެސް އެތަން އިތުރަށް މަޝްހޫރުވެގެން ދިޔަކަމެކެވެ.
“އީކުއޭޓަރވިލެޖު، އީކުއޭޓަރވިލެޖު، އީކުއޭޓަރވިލެޖު” މިނަން މިހާރު ގުމަނީ ދިވެހި ޖައްވާއި ބިންތަކުން އެކަންޏެއް ނޫނެވެ. އައްޑޫގެ ރީތި ޖައްވުގައި އެކަންޏެއްވެސް ނޫނެވެ. އެއަޑު ބޭރުގެ ކަރަތަކުގެ ގަސްކަރަމަތިންވެސް ވަނީ އަރައިގެން ގޮސްފައެވެ. ހުރިހާ ޝުކުރެއް އޮތީ މިހާރުގެ މެނޭޖުމެންޓަށެވެ. މެނޭޖަރު ވަހީދާއި އޭނާގެ ޓީމަށެވެ.