ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން، A ކެޓަގަރީގެ 27 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 41 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކޮށްފިއެވެ.
އެގޮތުން މިލިސްޓް ވަނީ މިހާރު ސަރުކާރުގެ ގެޒެޓުގައާއި އައްޑޫ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.
ކައުންސިލުން މިއަދު ކުރި އިޢުލާނުގައި ޕޮއިންޓް ލިބިފައިވާގޮތާމެދު ޝަކުވާ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުޅުދޫ އަވަށު އޮފީހަށް، 09 މާރިޗް 2023 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން ހުށަހެޅުމަށް އެދިފައިވެއެވެ. ޝަކުވާ ހުށަހަޅާ ފޯމް އެ އިދާރާ އާއި އަވަށު އޮފީސްތަކުން ލިބޭނެ ކަމަށާއި، އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ކައުންސިލުން ބުނީ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން އެ ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށެވެ.