ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ބީއެމްއެލްގެ މައްސަލައެއް މަޖިލިހަށް ހުށަހަޅާފައިވަނީ ސްކޭމް ކޮށްގެން މީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ބޮޑުވެފައިވަނިކޮށެވެ.
އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެ މައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އަށެވެ. އެ މައްސަލާގައި ބުނާ ގޮތުން ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލުން ނަމަވެސް އެ ކުންފުންޏާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ މައްސަލަ އާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
އެ ކަންބޮޑުވުންތައް ހައްލު ކޮށްދިނުމަށްޓަކައި މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެ މައްސަލަ ބަލަން އެ މައްސަލާގައި ވަނީ އެދިފަ އެވެ.
ސްކޭމް ކޮށްގެން އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލައާއި ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ބޭންކުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ބޭންކުގެ ތެރެއިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް މަޢުލޫމާތެއް އާންމުވެފައި ނުވާނެ ކަމަށެވެ. އަދި ކަސްޓަމަރުން ނުކުރާ މުއާމަލާތްތައް ހިންގާފައިވާ ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ދާދި ފަހުން ވެސް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ މީހެއްގެ އެކައުންޓުން ބޭނުން ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
މި މައްސަލަތަކާއި ގުޅިގެން ބީއެމްއެލުން މިހާރު ވަނީ މޮބައިލް ވޮލެޓްގެ ކިއުއާރު ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތްތައް ލިމިޓްކޮށް ކިއުއާރު ބޭނުންކޮށްގެން މޮބައިލް ވޮލެޓުން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ 750 ރުފިޔާ ކަމަށް ހަމަޖައްސާފައެވެ. އޭގެ އިތުރުން ކިއުއާރު ބޭނުން ކޮށްގެން މޮބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްްޓަމަރަކަށް ކުރެވޭނީ 10 މުއާމަލާތް ކަމަށް ބީއެމްއެލުން ވަނީ ނިންމާފައެވެ.