English Edition
Dhivehi Edition
ގެއްލިގެން ހޯދަމުންދާ އއ. މަތިވެރި، ރިވެލި، ޙަސަން ޢަލީ (73އ.) - ފޮޓޯ: އަދަދު

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާ އއ. މަތިވެރި، ރިވެލި، ޙަސަން ޢަލީ (73އ) ހޯދަމުންދާތާ މިއަދަށް 21 ދުވަސްވެފައިވާއިރު، އޭނާގެ އެއްވެސް ޚަބަރެއް އަދި ލިބިފައި ނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޙަސަންފުޅު ގެއްލިފައިވާ ކަމަށް 01 ފެބުރުވަރީ 2023ގެ 09:37 ގައި ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، މިފަދަ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުގެ މަތިން، ރާއްޖޭގައި ޤާއިމުކޮށްފައިވާ ހުރިހަ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސާ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ފުލުހުންގެ އެކި ބަހާތަކުން ކޮށްފައިވާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށެވެ.

މިގޮތުން ފުލުހުން ބުނީ ހަސަންފުޅު ހޯދުމަށް ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކާއި ރަށުގެ ހުރިހާ ފަޅު ގޯތިތަކާއި ގެވަޅު އަދި ހުސްބިންތަކާއި ރަށުގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ކެފޭ ރެސްޓޯރަންޓު އަދި ރަށުގެ ހޭޅިފަށާއި ގޮނޑުދޮށާއި ވަލުތެރެ ހިމެނޭހެން ރަށުގެ ހުރިހާ ސަރަޙައްދަކާއި ފަޅުފަދަ ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރަށުގެ އެކި ހިސާބުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖުތައް ބަލާފައިވާ ކަމަށާއި، ރަށުގެ އެކި މީހުންނާ ސުވާލުކޮށް ޙަސަންފުޅާ ގުޅޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

“އަދި ރަށުގެ ހުރިހާ އޮޑިދޯނިފަހަރު ބަލައި، އެއްވެސް ރަށަކަށް ޙަސަން ޢަލީ ގޮސްފައިވޭތޯ ބެލުމުގެ މަސައްކަތްކޮށްފައިވެއެވެ. އަދި އޭނާ ޢާންމުކޮށް ގޮސްއުޅޭ ރަށްރަށާއި އެ ރަށްރަށަށް ގޮސް އޭނާ ޢާންމުކޮށް ގޮސްުއުޅޭ ގޭގޭގެ މީހުންނާ ސުވާލުކޮށް އެއްވެސް މަޢުލޫމާތެއް ލިބޭތޯ ބަލާފައިވެއެވެ.”، އެ ބަޔާނުގައި ވެއެވެ. “އޭގެ އިތުރުން، ރަށުގެ ގޮނޑުދޮށުން ފެށިގެން ފަޅާއި ފަރު އަދި ކަނޑުގެ ސަރަޙައްދު ފީނައިގެން ބަލާފައިވެއެވެ. އަދި މަތިވެރި ކައިރީގައިވާ ފަޅުރަށްރަށާއި ތިލަތަކާއި ފަޅުތައް ފީނައިގެން ބަލާފައިވެއެވެ. އަދި ވައިގެ މަގުންވެސް އެ ސަރަޙައްދުތައް ވަނީ ބަލާފައެވެ.”، ފުލުހުންގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހަސަންފުޅު ގެއްލިފައިވާ މައްސަލައިގެ ތަޙުޤީޤުގައި މަތިވެރިން ލިބެންހުރި ހުރިހާ ސީސީޓީވީ ފުޓޭޖްތައް ހޯދައި، 157 ގަޑިއިރުގެ ފުޓޭޖް ދިރާސާކޮށްފައިވާ ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައިވަނީ 31 ޖަނަވަރީ 2023ގެ 09:30 ހާއިރު ރަށުގެ ފިހާރައަކަށް ވަދެ ނުކުމެގެންދަނިކޮށް ކަމަށެވެ. އަދި، ތަޙުޤީޤަށް ލިބުނު މަޢުލޫމާތާ ގުޅިގެން މާލޭގެ ބައެއް ސަރަޙައްދުތަކުގެ ސީސީޓީވީ ކެމެރާތައްވެސް ބަލާފައިވާ ކަމަށާއި، ތަޙުޤީޤުގެ ތެރެއިން މިހާތަނަށޤ 199 މީހުންގެ ފަރާތުން މަޢުލޫމާތު ސާފުކޮށް 29 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ ހަސަންފުޅު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ އަދާހަމަ ގަވާއިދުން އޭނާގެ ޢާއިލާއާ ހިއްސާކުރަމުންދާ ކަމަށާއި، އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ތަޙުޤީޤު ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ވަނީ ޙަސަން ޢަލީ (ހަސަންފުޅު) އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަށް އަންގައިދިނުމަށް އެދިފައެވެ.