ބޭންކް އޮފް މޯލްޑިވްސް ( އަހަރެންގެ ބޭންކް) އަކީ ދިވެހިންނަށް ފައިސާ ރައްކާކުރުން އެންމެ ރަނގަޅު ނޫން ތަނެއްގެ ގޮތުގައި ބުނެ ބީއެމްއެލް ނޫން ގޮތެއްގެ ނަމުގައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކެމްޕެއިން ކުރަމުންނެވެ. ދިރިއުޅުމަށް ކުރާ ބުރަ މަސައްކަތުން ހޯދާ ފައިސާ އިތުބާރާއި އެކު މީގެ ކުރިން ރައްކާކުރަން ބީއެމްއެލް އާއި ޙަވާލު ކުރި ނަމަވެސް މިހާރު އެ އިތުބާރު ގެއްލިފައިވާ ކަަމަށާއި ދިވެހިން ޖެހެނީ ރާއްޖޭގައި ތިބި އެހެން ބޭންކުތަކަށް ބަދަލުވާން ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިފަދަ ވާހަކަތައް ދައްކާ ފަރާތްތަކުން ދަނީ އެ ގޮތަށް ބުނަން ޖެހޭ ސަބަބުތައް ވެސް ހެއްކާއެކު ހާމަކުރަމުން ނެވެ. އެގޮތުން ގިނަ އަދަދަކަށް ތަފާތު އެކި ފަހަރު މަތިން ސްކޭމް ހިންގައި ފަސޭހަ ކަމާއެކު ބީއެމްއެލް ގައި ހުންނަ ފައިސާކޮޅު ދަމައިގެން ދާއިރު އެކަމަށް ބީއެމްއެލް އިން ޒިންމާ ނުނަގާ ކަަމަށް އެފަރާތްތަކުން ބުނެއެވެ.
ގިނަ ބަޔަކު ބުނަމުން ދަނީ މި ސްކޭމްތައް ހިންގުމުގައި ބީއެމްއެލް މުވައްޒަފުންގެ އަތެއް ވާނެ ކަމަށެވެ. އެހެން ނޫންނަމަ މިހާ ފަސޭހައިން ބޭންކުގައި ބަހައްޓާފައި ހުރި ފައިސާކޮޅު ނުގެންދެވޭނެ ކަމަށެވެ.
“އަހަންނަކީ ކާޑު ބޭނުންކޮށްގެން އޮންލައިން ވިޔަފާރި ކުރާ މީހެއް ނޫން. އަދި ފޯނަށް އަންނަ ލިންކުތަކަށް ފިތާ ފާޑުފާޑުގެ ވެބްސައިޓް ތަކަށް ވަންނަ މީހެއް ނޫން. ކާޑުގެ ބޭނުން މި ކުރަނީ ރާއްޖޭގައި ހުންނަ ފިހާރަތަކުން ވިޔަފާރި ކުރާއިރު. އެކަމަކު ހަމަ އެޕް ބަލަހައްޓައިގެން އިންދާ އެކައުންޓްގައި ހުރި ޑޮލަރުކޮޅު ދިވެހި ރުފިޔާ އެކައުންޓަށް ބަދަލުވެ ރުފިޔާ އެކައުންޓުން ފައިސާ މަދުވަމުންދާތަން ފެނުނީ” ސްކޭމް އެއްގެ ދަށުވެ ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.
ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ބޭންކުން ނެރުނު ބަޔާނެއްގައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ބައެއްފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށް ވިޔަފާރިކުރާ މަރޗަންޓުންނާއި އީކޮމަރސް މަރޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ސްކޭމް ހިންގާ ފަރާތްތަކުން ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާ ކަމަށެވެ.
” އަހަރެމެން އެހެން ބޭންކްތަކުގެ ކާޑުވެސް ބޭނުން އެބަ ކުރަން އޮންލައިން ވިޔަފާރި ތަކުގައި. ވަކި ކީއްވެ ބީއެމްއެލްގެ ކާޑުގައި މި މައްސަލަ ދިމާވާން ވީ؟ މިކަމަށް އޮތް ހައްލަކީ ދެން ބީއެމްއެލްގެ ކާޑު ބޭނުން ނުކުރުން. އެހެން ބޭންކުތަކަށް ބަދަލުވުން” އެހެން ފަރާތަކުން ކިޔައިދިނެވެ.
ބޭންކު އޮފް މޯލްޑިވްސް އިން ބުނެފައިވަނީ ކަސްޓަމަރުން ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ ކަން ކަމަށާއި، އެހެންކަމުން ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ ބޭންކުން އަބަދުވެސް މޮނިޓަރ ކުރަމުން އަންނަ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ބަޔާނުގައިވާ ގޮތުން ކާޑުތަކުގެ މައުލޫމާތު ހާމަވެ، ބައެއް ކަސްޓަމަރުންގެ ކާޑުތަކުން މުއާމަލާތްތަކެއްވެސް ހިންގާފައިވާ ކަމަށާއި މިފަދަ ކާޑުތަކުން ބޭންކުން ބްލޮކްކޮށްފައިވާ ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރެއެވެ. އަދި މިފަރާތްތަކަށް އެއްވެސް ފީއަކާ ނުލާ، އައު ކާޑު ހަދާދޭ ކަމަށްވެސް އެބޭންކުން ހާމަކުރެއެވެ.
އަދި މިފަދަ ގޮތަކަށް ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބި ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި، ގެއްލިފައިވާ ފައިސާއާ ގުޅިގެން ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ ކަމަށްވެސް ބޭންކުންވަނީ ބުނެފައެވެ.
މިހާތަނަށް އެތައް ހާސް ސްކޭމެއް ހިންގައި އެތައް މިލިއަން ރުފިޔާއެއް ގެއްލިފައިވާއިރު ބޭންކްތަކުން ވެސް އަދި އިދާރާތަކުން ވެސް ބުނަނީ ގާތްގަނޑަކަށް އެއް ވާހަކައެކެވެ. އެއީ މީހުން ލިންކްތަކަށް ފިތާތީ ނުވަތަ ޖީމެއިލްގެ ޕާސްވޯޑްދޭތީ ސްކޭމްތައް ހިންގެނީ ކަމަށެވެ. ކުށްވެރިކޮށްލަނީ މީހާއެވެ. އެހެންކަމުން ދޭތެރެއަކުން ސަމާލުވުމަށް ގޮވާލާފައި ބަޔާނެއް ނުވަތަ ސޯޝަލް މީޑިއާގެ ޕޯސްޓެއް ނެރޭނެއެވެ. އެކަމަކު މިވަރުން ފުއްދާލެވެން ނެތް ކަމަށް މިހާރު ދިވެހިން ދަނީ ބުނަމުންނެވެ!