އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މުނޫ މަހާވަރު ކުޅުދުއްފުށި ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.
މިގޮތުން އިންޑިއާގެ ހައި ކޮމިޝަނުން ކޮށްފައިވާ ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ ސަފީރު ކުޅުދުއްފުށްޓަށް ވަޑައިގަތުމުން ކުޅުދުއްފުށި ސިޓީ ކައުންސިލާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ދެއްވި ހޫނު މަރުޙަބާއަށް ޝުކުރު ދަންނަވާ ކަމަށެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ސަފީރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވައި، އިންޑިއާގެ އެހީގެ ދަށުން އެ ހޮސްޕިޓަލްގައި ޤާއިމްކުރާ ސްޕީޗް ތެރަޕީ ޔުނިޓުގެ މަސައްކަތްތައް ބައްލަވާލައްވައިފައެވެ. އަދި އެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އިންޑިއާގެ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންގެ ޕްރޮފެޝަނަލިޒަމްއާ ގުޅޭގޮތުން ލިބުނު ކޮމެންޓްތަކަށް އުފާކުރައްވާ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އިންޑިއާގެ ސަފީރު ވަނީ އެ ސިޓީގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާވެސް ބައްދަލުކުރައްވައިފައެވެ. އަދި ރާއްޖޭގައި ދިރިއުޅެ މަސައްކަތްކުރުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތައް ސަފީރު ވަނީ އައްސަވައިފައެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ފަންނީ މަސައްކަތްތެރިންނަކީ އިންޑިއާއާއި ދިވެހިރާއްޖެއާ އޮންނަ ގާތް ގުޅުމުގެ އެންމެ ވަރުގަދަ ތަނބު ކަމަށެވެ.