ސްރީލަންކަން އެއާލައިންސްއާއި ހިތަދޫ ރީޖަނަލް ހޮސްޕީޓަލް ގުޅިގެން، ސްރީލަންކާގެ ނަވަލޮކް ހޮސްޕިޓަލުގެ ޑޮކްޓަރުން ގެނެސް މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.
މި މެޑިކަލް ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 15 އިގެ ނިޔަލަށް ކަމަށް އެޗް.އާރް.އެޗް އިން މައުލޫމާތު ދެއްވިއެވެ.
މި މެޑިކަލް ކޭމްޕުގަައި ސްރީލަންކާގެ ނަވަލޮކް ހޮސްޕިޓަލުގެ 4 ސްޕެޝަލިސްޓް ޑޮކްޓަރުން ބެއްލެވުމަށް ވަނީ ހަމަ ޖެހިފައެވެ. މި މެޑިކަލްް ކޭމްޕުގައި ބައްލަވަން ހަމަ ޖެހިފައިވަނީ ކަރުން މަތީގެ ބަލިތަކާއި، ކުޑަ ކަމުދާ ނިޒާމުގެ ބަލިތަކާއި، ނާރުގެ ބަލިތަކާއި އަދި މީގެ އިތުރުން އަންހެނުންގެ ހާއްސަ ބަލިތަކަށް ބެއްލެވުމަށް ވަނީ ހަމަ ޖެހިފައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލު ވެވަޑައިގެން އިންނެވި ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސާރ މުހައްމަދު ނަޖީބް ވިދާޅުވީ މި މެޑިކަލް ކޭމްޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެ ގޮތުން އެޕޮއިންޓްމެންޓަށް ހުޅުވާލިތާ 2 ގަޑި އިރު ތެރޭ ނާރު ބަލިތަކަށް އެޕޮއިންޓްމެން ފުލްވެފައިވާ ކަމަށެވެ. އަދި ހަތަރު ދުވަސް ތެރޭ ދެން ހުރި ހުރިހާ އެޕޮއިންޓްމެންޓެއް ވަނީ ފުލްވެފައި ކަމަށް ވެސް ނަޖީބް ވިދާޅުވިއެވެ.
ބަލިމީހުން ބަލަމުން ގެންދާނީ ހެންދުނު އަދި މެންދުރުފަހު ދެ ސެޝަނަކަށް ބަހާލައިގެންނެވެ. އެއީ ސެޝަނަކަށް 25 އާއި 30 އާއި ދެމެދުގެ އަދަދަކަށް މީހުން ބަލާ ގޮތަށް ކަމަށް އެޗް.އާރް.އެޗް އިން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން ދެން ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ވެސް ގިނަ އަދަދެއްގެ މީހުން އަންނަމުން ދާކަން އެނާ ފާހަގަ ކުރެއްވިއެވެ.
މިއީ އައްޑޫގައި ސްރީލަންކަން އެއާލައިންސް އިން އިންތިޒާމު ކުރާ މިފަދަ ފުރަތަމަ ކޭމްޕް ކަމުގައި ސްރީލަންކަން އެއާލައިންސްގެ އައްޑޫ އޭރިއާ މެނޭޖާރ ސުމަން އުދަޔަކުމާރަން ވިދާޅުވިއެވެ.
އެނާ ވިދާޅުވި ގޮތުގައި އައްޑޫގައި ސްރީލަންކަން އެއާލައިން އޮޕަރޭޓް ކުރަން ފެށި ހިސާބުން ވެސް އައްޑޫގައި ސްޕެޝަލިސްޓް ޑޮކްޓަރުން އެހާ ގިނައިން ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން މިފަދަ ކޭމްޕެއްގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަ ތަކެއް ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ސްރީލަންކަން އެއާލައިންސް އިން ވިދާޅޫވީ ކުރިއަށް ތަނުގައިވެސް މިފަދަ ކޭމްޕެއް އިންތިޒާމް ކުރުމުގެ ވިސްނުން އެބަ ހުރި ކަމުގައެވެ.