English Edition
Dhivehi Edition

ރައީސް ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި އެއަރޕޯޓެއް ނާޅާނެ ކަމަށާއި ދައްކާނީ ދަޅަކަށް އެމްޑީޕިން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ޔާމީން ވައުދުވެވަޑައިގެންފައިވަނީ އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ދެ އަހަރުތެރޭގައި އެރަށުގައި އެއާޕޯޓެއް އެޅުމަށެވެ. އެހެންނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން ހަތަރު އަހަރު ފާއިތުވެގެންދާއިރުވެސް އެކަންވަނީ ނުކުރެވި ކަމަށް އެބަޔާނުގައިވެއެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ ބަދަލުގައި “ރައީސް ޔާމީންގެ ސަރުކާރުގެ މަޤްޞަދަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ މަންޒަރު ކުޅުދުއްފުށީ ރައްޔިތުންނަށް ދައްކައި، ކުޅުދުއްފުށީ ރައްޔިތުންގެ ލޮލުގައި އަނެއްކާވެސް އަނދުނެއް އެޅުވުމެވެ.” އެބަޔާނުގައިވެއެވެ. އެއީ އޮޅުވައިލުމެއް ކަމަށާއި ރައްޔިތުންނަށް އެ ފަދަ ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން ގެންދާތީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް ބުނެފައިވެއެވެ. އެއީ ރައްޔިތުންނާމެދު އަމަލުކޮށްގެންވާނެ ގޮތެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީގެ ތަރައްގީގެ ތަސައްވަރެއް އެ ޕާޓީގައި އެބަ އޮތްކަމަށެވެ. އެ ތަސައްވުރުގެ ދަށުން އެރަށް ތަރައްގީކުރާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އެ ޕާޓީގެ ތަރައްގީގެ ޕްލޭންގައި ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އިގްތިސާދީ ނާރެސް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން “ކުޅުދުއްފުށީގެ ދަތުރުފަތުރުގެ ވަސީލަތް ތަރައްގީ ކުރުމަކީ ކުޅުދުއްފުށްޓަށް މިޕާޓީން އެކުލަވާލާނޭ ތަރައްގީގެ ޕްލޭންގެ މައިގަނޑު އެއް ބައެވެ. މިޕާޓީގެ އެތަސައްވުރު ކުޅުދުއްފުށީގެ ތަރައްގީގެ ޕްލޭންގެ ގޮތުގައި ކުރެހިގެންދާނީ ކުޅުއްދުއްފުށީ ރައްޔިތުންގެ އާނބަހާއެކުގައި ކަމުގެ ޔަގީންކަން އަރުވަމެވެ.” އެޕާޓީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން މިހެން ބުނެފައިވިޔަސް ރައީސް ޔާމީން މިހާރުވަނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފަށްޓަވައި ދެއްވައިފައެވެ.