English Edition
Dhivehi Edition

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން 2023-2024ގެ ‘ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން’ މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފިއެވެ.

ކުރިއަށް އޮތް ދެ އަހަރަށް މީރާއިން ތައްޔާރުކޮށްފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން އެކުލަވާލައިފައިވަނީ ފާއިތުވި އަހަރުތަކާ ޚިލާފަށް ވަކިވަކި ސިނާއަތްތަކުން ޓެކްސް ދެއްކުމުގައި ހުރި ރިސްކުތަކުގެ އިތުރުން އެ ރިސްކުތަކާ މުނާސަބު ފިޔަވަޅު އެޅުމަށް ހިންގޭނެ ހަރަކާތްތައް ހިމަނައިގެންނެވެ.

އާންމު އުސޫލުން ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން މީރާއިން ކުރިއަށްގެންދަން ރާވައިފައިވާ ކަންކަމުގެ އިތުރުން ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވައިފައިވާ ހާއްސަ ހަރަކާތްތައްވެސް މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ހިމަނައިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އާންމު ކޮމްޕްލަޔަންސް ހަރަކާތްތަކުގެ ތެރޭގައި، ޖީ.އެސް.ޓީ ރޭޓުތަކަށް އައި ބަދަލުތައް ހިމެނޭހެން ޤާނޫނާއި ގަވާއިދުތަކަށް ގެނެވޭ އިސްލާހުތަކަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން އަހުލުވެރިކުރުވުމާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޒިޔާރަތްކޮށް، ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމާއި، ވަކި ފަރާތްތަކަކަށް ހާއްސަކޮށްގެން ޓެކުހާ ގުޅޭ ތަމްރީނުތައް ހިންގައި، ޓެކްސް ބަޔާން ހުށަހެޅުން އިތުރަށް ފަސޭހަކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުން ހިމެނޭކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، 2023-2024ގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ހާއްސަ ކޮމްޕްލަޔަންސް ހަރަކާތްތައް އަމާޒުކޮށްފައިވާނީ، ރަޖިސްޓަރީކުރުމާއި، ބަޔާން ހުށަހެޅުމާއި، ފައިސާދެއްކުން އަދި ސައްހަ މައުލޫމާތު ހުށަހެޅުމާ ގުޅޭ ގޮތުން ފާހަގަކުރެވޭ ރިސްކުތަކަށް މުނާސަބު ފިޔަވަޅު އެޅުމަށެވެ. މި ގޮތުން، ޓެކުހުގެ ޤާނޫނުތަކަށް ތަބާވުމުގައި، ޓެކުހުގެ ވަކި ބާވަތްތަކާއި، ޓެކްސް ދައްކާ ފަރާތްތަކުގެ ކުޑަބޮޑު މިން އަދި އެކި ސަރަހައްދުތަކުން ފާހަގަކުރެވޭ މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެވިގެންދާނެއެވެ.

މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ސަރުކާރުގެ މުއައްސަސާތަކާއި، ތަންފީޒީ އިދާރާތައް އަދި ކަމާބެހޭ އެހެނިހެން މަސްލަހަތުވެރިންގެ ފަރާތުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ނޮން-ކޮމްޕްލަޔަންސް ދެނެގަނެ، އެކަން ހުއްޓުވުމުގެ މަސައްކަތްތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންއަކީ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި އެކުލަވާލާ ޕްލޭންއެކެވެ. މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ ‘ވޮލަންޓްރީ ކޮމްޕްލަޔަންސް’ އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ ‘ނޮން-ކޮމްޕްލަޔަންސް’ މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީއެކެވެ.

މި ގޮތުން، 2020 ވަނަ އަހަރުން ފެށިގެން މީރާއިން ދަނީ ކޮންމެ އަހަރަކަށް ވެސް ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނެއް ތައާރަފްކޮށް، މި ޕްލޭންގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.