English Edition
Dhivehi Edition

ނައިނާގެ މަންމަ އަކީ ހާދަ ރުޅިގަދަމީހެކެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަޔާން ވަރަށް ޖެހިލުން ވިއެވެ. ނަމަވެސް އައިޑީކާޑު ދޭންޖެހޭނެތާއެވެ. ހިނގަމުން ހުއްޓެމުން ކަހަލަ ގޮތަކަށް އަޔާން ނައިނާގެ މަންމަ ކުރިމައްޗަށް ހުއްޓުނެވެ. ” ދައްތާ މިއޮތީ އައިޑީކާޑު” ތުރުތުރުއަޅާ އަޑަކުން އަޔާން ބުންޏެވެ. ” ހޫމް ނަސީބެއްނު ނިމިފަ އޮތްކަން އެހެން ނޫންނަމަ މިއަދު ކަލޭމެން ކަމެއް ނުކުރާ ވާހަކަ މުޅި ރަށުގައި ދައްކާނަން! ދޮރުލައްޕަމުން ވެސް އެތިވަރު ގޮވަމުން ނައިނާގެ މަންމަ ނުކުމެއްޖެއެވެ.

އަޔާން ފުން ނޭވާއެއް ލިއެވެ. ނައިނާއާ ދޭތެރޭގައެވެ. ރޭގަވެސް ނައިނާ ބުންޏެވެ. ”މަންމަ މިހާރު ހުންނާނީ ވަރަށް ރުޅިއައިސްކަންނޭނގެ” އެހެންވީމަ ނައިނާ އެބުނީ ރަނގަޅަށްތާއެވެ. ޚިޔާލުތަކުން އެއްކިބާވެ ހުރެ އަޔާން މަސައްކަތައިގެން އަވަސްވިއެވެ. އަޔާން ބްރޭކެއް ނެގީ ގަޑިން 1ވެސް ޖެހިފަންނެވެ. ސައިކަލަށް އަރައިގެން ގެއަށް ދިއުމުގެ ބަދަލުގައި އަޔާން މިސްރާބުޖެހީ ނައިނާގެއާ ދިމާއަށެވެ. ނައިނާ ދެކިލާހިތުންނެވެ. ހިތަށް ކުޑަނަމަވެސް ހަމޖެހިލުމެއް ލިބޭތޯއެވެ.

އެމަގަށް ސައިކަލުގައި އަޔާން ވަނީ ސީދާ ނައިނާމެންގޭ ދޮރާ ދިމާއަށް ބަލަމުންނެވެ. ކުއްލިއަކަށް ކުރިމަތިން އައި ސައިކަލެއްގައި ޖެހި އަޔާން ވެއްޓުނެވެ. ”އައްދޯއް” ވަރަށް ބާރަށް އަޔާންއަށް ބުނެވުނެވެ. އުޅަނބައްޓާ ހިސާބުން ލޭއަންނަމުން ދިޔައެވެ. އިވުނު އަޑުފައްގަޑަކާއެކު މަގުގެ ދެފަރާތުގަ ހުރި ގެތަކުން މީހުން ނުކުންނަމުން ދިޔައެވެ. ނައިނާވެސް ނުކުތެވެ. އަޔާން އޮތީ އޭރު ވެއްޓިފައެވެ. ނައިނާއަކަށް އަޔާންގެ މޫނެއް ނުފެނެއެވެ. އެކަމަކު ވެއްޓިފައި އޮތް މީހާގެ ގާތަށް ނައިނާ ދުވެފައި ކަހަލަ ގޮތަކަށް ދިޔައެވެ.

އަޔާންގެ މޫނު ފެނުމާއެކު ނައިނާއަށް ހައިރާންކަން ލިބުނެވެ. އެއަށްވުރެ ބޮޑަށް ދެރަވީ އޭނާގެ އަތުންނާ ކަންފަތާ ދިމާ މަތިން ލޭއަންނާތީއެވެ. އަޔާން މިތަނުގައި މިކުރަނީ ކީއްބާއެވެ. އަނެއްކާ އަހަރެން ހޯދަން އައީބާއެވެ. ނައިނާއަށް މަޑުމަޑުން ކިޔާލެވުނެވެ. ނައިނާ ފެނުމާއެކު އަޔާންގެ ހިތް އުފަލުން ނަށަން ފެށިއެވެ. އިހުސާސްވަމުން ދިޔަ ތަދުތައް ވެސް ކެނޑުނު ކަހަލައެވެ. އެއްވެފައިތިބި މީހުންގެ މަތިން އަޔާން ހަނދާން ނެތް ކަހަލައެވެ. ނައިނާގެ މޫނަށް ކަޅިޖަހާ ނުލައި އަޔާން ބަލަން އިނީ ކުޑަކޮށް ތެދެވެލައިގެނެވެ.” އަޔާން ވަރަށް ތަދުވޭތަ؟ ނައިނާ ސުވާލު ކުރިއެވެ.” ނޫން މިހާރު އެއްވެސް ތަދެއް ނުވޭ ! ހީވަނީ ޒަޚަމުވި ތަންތަން މިހާރު ލަކުނަށް ވެއްޖެހެން، އަޔާން އެހެން ބުނުމުން ނައިނާ ލަދުގަތެވެ. ލަދުން އިސްޖަހާލިއެވެ. ” ހިނގާ ތިތަން ސާފުކޮށްލަން،، ބޭސްވެސް އަޅަން ޖެހޭނެއްނު! ނައިނާ އެބުނީ ކިހާވަރެއްގެ ވާހަކައެއްކަން އަޔާންއަށް އިޙުސާސްވީ ހިތުގެ އެންމެ އަޑިންނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އަޔާންއަށް ތެދުވެވުނީ ވެސް އެއްވެސް އިޚުތިޔާރަކާ ނުލައިއެވެ.

ނައިނާ އަޔާންގެ އަތުގައި ހިފަހައްޓައިގެން ނައިނާމެންގެ ގޭތެރެއަށް ވެއްދިއެވެ. އަދި ސިޓިންރޫމްގައި ހުރި ބޮޑު ކަޅު ސޯފާގައި އިށީނުމަށް ބުންޏެވެ. އަޔާން އެގޭތެރެއަށް ބަލާލެވުނެވެ. ހާދަ ފުރިހަމަ ގެއެކެވެ. ގޭގެ ކޮންމެ ތާކުންވެސް ފެންނަނީ އަގުބޮޑު ތަކެއްޗެވެ. ރީތި ފުރިހަމަ ތަކެއްޗެވެ. ތަރުތީބު ކަމެވެ. ސާފުކަމެވެ. މީ ހާދަ މުއްސަނދި ބައެކެވެ. އަޔާންގެ ހިތުން ކިޔާލެވުނެވެ. ކުއްލިއަކަށް އަޔާން ބިރުގަންނަ ކަހަލަ ގޮތެއް ވިއެވެ. ނައިނާގެ މަންމަ މަތިން ހަނދާން ވީއެވެ. އޭނާ ކޮބާ ބާވައެވެ. އަނެއްކާ ގޭގައި އެބަ އުޅޭބާވައެވެ. ބިރުވެރި ޚިޔާލުތަކެއްގައި އިންދާ ގޭގެ ބޮޑުދޮރުން ވަދެގެން އަންނަތަން ފެނުނީ ނައިނާގެ މަންމައެވެ. އަޔާން ކުއްލިއަކަށް ތެދުވިއެވެ.

” ކަލޭ އަހަރެމެން ގޭގަ ކީއްކުރަނީ! ދެންމެ ހުރީ އޮފީހުގައެއް ނޫންތަ؟ ” ދައްތާ…މީ،، އަޅުގަނ… އަޔާން ވާހަކަދެއްކޭތޯ އުޅުނެވެ. ” މަންމާ މީނަ މިހެންލައިފަ ސައިކަލުގަ ދަނިކޮށް ވެއްޓުނީ… އަޑުފައްގަނޑު ގަދަވެގެން އެންމެންވެސް ނުކުތީ،،، އެކަކުވެސް މީނައަކާ އަޅައެއްނުލި، އަހަރެން މީނަ ގެނައީ ބޭސްކޮޅެއް އަޅައިދޭން ވެގެން! ނައިނާ އަޔާންގެ ދިފާއުގައި އަތުރާލި ޖުމުލަތަކުން އަޔާން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނައިނާގެ ހިތުގައި އަޔާންއަށް ޚާއްޞަ ގަދަރެއް ދެވުނީބާއޭ އަޔާންގެ ހިތަށް އެރިއެވެ.

” ހޫމް އެންމެ ރަނގަޅު ބޭސްއަޅައިދީފަ އަވަހަށް ފޮނުވާލާ.. އެހެންނޫނީ މިގެއަށް މޫލައިފާނެ! އެހެން ބުނުމަށް ފަހު ނައިނާގެ މަންމަ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. އޭނާ އެބުނިއެއްޗެއް އަޔާންއަށް ނުވިސްނުނެއް ކަމަކު ނައިނާއަށް އެނގުނެވެ. އެއީ އޭނާގެ މަންމަގެ ވައްތަރެވެ. މަންމައަށް ހީވާނީ އަބަދުވެސް މީހުން މަންމަގެ މުއްސަނދިކަމަށް ދަހިވެތި ވާހެނެވެ. ނައިނާ އެކަމާ އަޅައެއް ނުލިއެވެ. އޭނާ މިހާރު ހުރީ އެކަމަށް ހޭނިފައެވެ. ” މަންމަ ވަރަށް ރުޅިއައިސްފަ ދޯ އެދިޔައީ! އަޔާން ވަރަށް ދެރަވެގެން އަހާލިއެވެ. ” އަޅާނުލާ އެއީ މަންމައެއްނު ،، މަންމަ ވަރަށް ތަފާތުވާނެ! ދައްކަބަލަ އަތް! ނައިނާ އަޔާންގެ އަތުގައާ ކަންފަތް މަތިން ލޭއައިސް ހުރި ތަންތަން ސާފުކޮށްދޭން ފެށިއެވެ. އަޔާންއަށް ކުރެވެން ފެށީ އާދަޔާ ޚިލާފު އުފާވެރި ކަމެކެވެ. އެއިޙުސާސްތަކަށް އަޔާން ނުހަނު ބޭނުންވެފައި ހުއްޓާ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް އެކަން ފުރިހަމަ ވަމުންދާތީ އަޔާންއަށް ލިބެމުން ދިޔައީ ބަޔާން ކުރަން ދަތި އުފާވެރި ކަމެކެވެ.

ހުރިހާ ތަނެއް ސާފުކޮށް ބޭސްއަޅައިދީ ނިމުނުއިރުވެސް އަޔާން އިނީ ނައިނާގެ މޫނަށް ބަލަހައްޓައިގެނެވެ. ” ނިމިއްޖެ! ނައިނާ އެހެން ބުނުމުން އަޔާން ސިއްސައިގެން ދިޔައެވެ. ނައިނާއަށް ހެވުނެވެ. ތަންކޮޅެއް ބާރަށެވެ. ނައިނާ ހޭތަން ފެނުމުން އަޔާންގެ އުފާވެރިކަން ދެގުނައަށް އިތުރުވިއެވެ. އެމޫނުމަތީގައިވާ މައުސޫމުކަމާ ހިތްގައިމުކަން އަޔާންއަށް އިޙުސާސް ކުރެވުނެވެ. ނައިނާގެ އެ ހިނިތުންވުމުން އަޔާން ހިތް އުފަލުން ނަށަން ފެށިއެވެ. ( ނުނިމޭ )