English Edition
Dhivehi Edition

ރިއަލިޓީ ޝޯ “ބިގް ބޮސް”ގެ 15 ވަނަ ސީޒަން އިން ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ ކަރަން ކުންދްރާ އަށް އަނެއްކާވެސް މި ވަނީ ގިނަ ބައެއްގެ ތައުރީފާއި ލޯބި ހޯދާފައެވެ.

ކަރަންގެ ކުރިއަށް އޮތް ޑްރާމާ ‘ތެރެ އިޝްގް މޭ ހަޔާލް’ އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަރަން ވަނީ އޭނާ ހިތުގައި އެހެން ދީންތަކުގެ މީހުންނަށްވެސް އޮންނަ ލޯތްބާއި އިހްތިރާމް ސާބިތުކޮށްދީފައެވެ.

ކާމިޔާބު ގިނަ ޓީވީ ޑްރާމާތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުންވެސް ފެނިގެން ގޮސްފައިވާ ކަރަން ވަނީ މި ޑްރާމާ އާއި ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރަމުންދިޔަ ވަގުތު ބަންގީގެ އަޑު އިވުމާއެކު ނޫސްވެރިޔާގެ ސުވާލު ހުއްޓުވާފައެވެ. އަދި ބަންގިއަށް އިހްތިރާމް ކުރުމުގެ ގޮތުން ދެ ތިން މިނިޓަށް މަޑުކޮށްލުމަށް ކަރަން ވަނީ ނޫސްވެރިންގެ ކިބައިން އެދިފައެވެ.

ކަރަންގެ މި ހަރަކާތާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައިރު ވަރަށް ގިނަ މީހުން ވަނީ ސޯޝަލް މީޑިއާގައި އޭނާ އަށް ވަރަށް ބޮޑަށް ތައުރީފުވެސް ކޮށްފައެވެ. މި ގޮތުން ކަރަން އަށް ތައުރީފު ކުރި ބައެއް ފަރާތްތަކުން ވަނީ މިއީ ކަރަންގެ ވަރަށް ރަގަޅު ސިފައެއްކަމުގައި ބުނެފައެވެ. އަދި އޭނާ އަކީ މުސްލިކަމަކަށް ނުވިނަމަވެސް އެހެން ދީންތަކަށް އޭނާ ކުރާ އިހްތިރާމް ފެނިގެން ހިގައްޖެކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.