English Edition
Dhivehi Edition

ނަފްސާނީ ދުޅަހެޔޮކަމަށް އެންމެބޮޑު ހޭދައެއްކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ފޯރުކޮށްދިނުން ހަރުދަނާކުރުމަށް ގޮވާލާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ނެވެ.

އޭނާ ވިދާޅުވީ ނަފްސާނީ މައްސަލަތަކުން ކުރިފަޅާ އެހެން މައްސަލަތައް ނުކުންނަކަން ދެނެގަނެ އެކަމަށް މަސައްކަތް ފެށީ މިސަރުކާރުން ކަމަށެވެ.

އެގޮތުން އައިޖީއެމްއެޗްގައި ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކޮށް މިހާތަނަށް 60،000 ކޮންސަލްޓޭޝަން ހަދާފައިވާ ކަމަށާއި 3000 މީހުންގެ ވެއިޓިންގ ލިސްޓް 400 މީހުންނަށް މަދުކުރެވިފައިވާކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ނަފްސާނީ ފަރުވާ ދިނުމަށް އެދާއިރާއިން ތަމްރީންވެފައި ތިބި މީހުން މަދުކަމަށާއި އެހެންކަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވެސް މިކަމަށް ސަމާލުވުމަށް ރޮޒައިނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ރަށްރަށުގައިވެސް މިފަރުވާ ބޭނުންވާ ކުދިން ގިނަކަން ފާހަގަކުރައްވާ އަމާޒަކީ އިހު އޮތް މާލެއަށް ހިޖުރަކޮށްގެން އެފަރުވާ ދިނުމުގެ އުސޫލަށް ބަދަލު ގެނައުންކަމަށާއި އެގޮތުން ފަސް ސަރަހައްދުގައި ހުރި ޓާޝަރީ ހޮސްޕިޓަލުތަކުން އެފަރުވާ ދިނުމުގެ އިތުރުން އެހެން ސަރަހައްދުތަކަށް އެހިދުމަތް ފުޅާކުރުމުގެ މަސައްކަތްކުރާކަން މެމްބަރު ރޮޒައިނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ނަފްސާނީ ފަރުވާއަށް ކުރާ ޚަރަދު އާސަންދައިން ކަވަރުކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާކަމަށް ވިދާޅުވި އެވެ.