English Edition
Dhivehi Edition
'ރަށި ބާޒާރޮ 2023' - ފޮޓޯ: ރަށި ބާޒާރޮ 2023 ފޭސްބުކް ޕޭޖް

ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްދާ ‘ރަށި ބާޒާރޮ 2023’ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ބާޒާރުގައި ބައިވެރިވާ ބައެއް ވިޔަފާރިވެރިން ހާމަކޮށްފިއެވެ.

އޭއޯ ނިއުސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބާޒާރުގެ ބައެއް ވިޔަފާރިވެރިން ހާމަކުރި ގޮތުގައި ފުވައްމުލައް ސިޓީގައި މިފަދަ ބާޒާރެއް ބޭއްވުމުގެ މުހިއްމުކަން ބާޒާރަށް ޒިޔާރަތްކޮށް ވިޔަފާރިކުރަމުން އަންނަ ފަރާތްތަކުގެ އަދަދުން ހާމަކޮށްދެއެވެ. އެގޮތުން ފުރަތަމަ ރޭ އެކަނިވެސް 1300 އަށް ވުރެ ގިނަ މީހުން ބާޒާރަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި ބާޒާރުގައި ލިބެންހުރި މުދާތަކުގެ އަގުތަކާމެދު ޒިޔާރަތްކުރާ ފަރާތްތަކުން ހިތްހަމަޖެހޭ ކަމަށްވެސް ވިޔަފާރިވެރިން ވަނީ ހާމަކޮށްފައެވެ.

‘ރަށި ބާޒާރޮ 2023’ – ފޮޓޯ: ރަށި ބާޒާރޮ 2023 ފޭސްބުކް ޕޭޖް

މި ބާޒާރު ހުޅުވައިފައި ވަނީ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ރެއެވެ. ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 3،5،6،7 އަދި 8 ވަނަ ދުވަހުގެރޭ 20:00 އިން 23:00 އަށް ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒުގައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ބާޒާރުގައި ޖުމުލަ 51 ވިޔަފާރިއަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވެފައިވާ ވިޔަފާރިތައް 3 ކެޓަގަރީ އަކަށް ބަހާލައިފައިވާއިރު އެއީ ރަޖިސްޓްރީ ކޮށްގެން ހިންގޭ 28 ވިޔަފާރިއަކާއި، އޮންލައިން ވިޔަފާރި ކުރާ 12 ފަރާތެއްގެ އިތުރުން ގޭގައި ތައްޔާރު ކުރާ ތަކެތި ވިއްކާ 11 ފަރާތަކުންނެވެ.

‘ރަށި ބާޒާރޮ 2023’ – ފޮޓޯ: ރަށި ބާޒާރޮ 2023 ފޭސްބުކް ޕޭޖް

ފުވައްމުލައް ސިޓީ ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ބާޒާރު އިންތިޒާމުކޮށްފައިވަނީ ކޮންމެ ރެއަކުވެސް ބާޒާރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުތަކެއް ނަގާ އިނާމު ދޭ ގޮތަށެވެ. މީގެ އިތުރުން ބާޒާރު ނިންމާލާ ރޭ ބާޒާރަށް ޒިޔާރަތްކުރާ ހުރިހާ ފަރާތެއްގެ މެދުގައި ގުރުއަތުތަކެއް ނަގާ އަގުބޮޑު އިނާމުތަކެއް ދޭން ހަމަޖެހިފައިވާ ކަމަށްވެސް އެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

‘ރަށި ބާޒާރޮ 2023’ – ފޮޓޯ: ރަށި ބާޒާރޮ 2023 ފޭސްބުކް ޕޭޖް

ބާޒާރުގެ މައިގަނޑު އަމާޒަކީ އާންމުކޮށް ފިހާރަތަކުގައި ލިބެން ހުންނަ އަގަށްވުރެން ހެޔޮ އަގުގައި، ތަފާތު އެކިކަހަލަ މުދާތައް އެއްތަނަކުން ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މި ބާޒާރުގައި ހާޑްވެއަރ ސާމާނާއި ބުކްޝޮޕަކާއި ބަދިގޭ ސާމާނާއި، ގޭތެރެ ޒީނަތްކުރުމަށް ބޭނުންކުރެވޭ ސާމާނުގެ އިތުރުން އަންނައުނުވެސް ލިބެން ހުންނަ ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ގަހަނާ އަދި ޒީނަތްތެރިވުމަށް ބޭނުންކުރެވޭ އެކިކަހަލަ ތަކެތި ލިބޭނެ ފަދަ ސްޓޯލްތައް ބާޒާރުގައި ހުރެއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ތައްޔާރުކުރެވިފައިވާ އެކި ކަހަލަ ކާބޯތަކެތި ވިއްކާ ސްޓޯލްތަކާއި ކެންޓީނުގެ ހިދުމަތްވެސް ބާޒާރުން ލިބެން ހުރެއެވެ.