English Edition
Dhivehi Edition
ފުވައްމުލަކުގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2023 (ފޮޓޯ: އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2023 ފޭސްބުކް ޕޭޖް)

ފުވައްމުލައް ސިޓީގައި ފެބްރުއަރީ މަހުގެ 4 އިން 10 އަކަށް ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓުގައި މިހާތަށް 4 އެތުލީޓަކު މީޓު ރިކޯޑު ހަދައިފިއެވެ.

ފުވައްމުލައް ސިޓީގެ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގެ 2 ދުވަސް މިހާރު ނިމިފައިވާއިރު މީޓު ރިކޯޑުތައް އާކޮށްފައިވަނީ މުޅިންވެސް ‘ފިލްޑް އިވެންޓް’ ތަކުންނެވެ. އެގޮތުން އިއްޔެ އެ މުބާރާތުގައި ކުރިއަށް ގެންގޮސްފައިވާ 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޑިސްކަސް ތްރޯ އިން ރިކޯޑް ހަދައިފައިވަނީ ހުސައިން އުޒައިން، މުހައްމަދު ޖަމާލުއްދީން ސްކޫލެވެ. އުޒައިން ރިކޯޑް ހަދައިފައިވަނީ 28.92 މީޓަރަށް ޑިސްކަސް އެއްލައިގެނެވެ.

މިއަދު ބޭއްވުނު އިވެންޓުތަކުގެ ތެރެއިން 3 އިވެންޓެއްގައި އެތުލީޓުން ވަނީ މީޓް ރިކޯޑް ހަދައިފައެވެ. އެގޮތުން އެ ރިކޯޑު ތަކަކީ:

  • 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޝޮޓްޕުޓް : މުހައްމަދު އާއިން ، ޏ. އަތޮޅު ތައުލީމީ މަރުކަޒު (9.76 މީޓަރު)
  • 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ޝޮޓްޕުޓް : އައިޝަތު ޝާޔާ ، ތާޖުއްދީން ސްކޫލް (10.03 މީޓަރު)
  • 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ޑިސްކަސް ތްރޯ : ފާތިމަތް ފާރިހާ ، އަމީނިއްޔާ ސްކޫލް (23.01 މީޓަރު)

ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނު މި މުބާރާތުގައި ޖުމުލަ 809 އެތުލީޓުން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މުޅި ރާއްޖެއިން، ވިލާ ކޮލެޖާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ހިމެނޭ ގޮތަށް ޖުމުލަ 33 ސްކޫލަކުން މި މުބާރާތުގައި ބައިވެރިވެފައިވާއިރު އެތުލީޓުން ވަނީ 4 އުމުރު ފުރާއަކަށް ބަހާލާފައެވެ. އެއީ 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށެވެ. މުޅި މިމުބާރާތުގައި ޖުމުލަ 108 އިވެންޓު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.