English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް‏، ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް 2023 ވަނަ އަހަރުގެ ރިޔާސީބަޔާން އިއްވަވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި އެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވަނީ، ހަމަޖެހުމާއި، މަޞްލަޙަތާއި، އަމާންކަން ދެމެހެއްޓޭނީ އަޑުއެހުމާއި، މަޝްވަރާއާއި، ދޫދިނުމާއި، އަދި ހިފަހައްޓަންޖެހޭ އިންތަކާއި، މިންތަކުގައި ސަރުކާރުން ސާބިތުވެ ދެމިއޮވެގެން ކަމުގައި ވިދާޅުވެފައެވެ. އަދި، އެގޮތުގެ މަތިން، ފާއިތުވި 4 އަހަރެކޭ އެއްފަދައިން ކުރިޔަށް އޮތްތަނުގައިވެސް އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހަމަޖެހުން ޤާއިމްކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން އަދާކުރަންޖެހޭ ޙައްޤުތަކާއި، އުފުލަން ޖެހޭ މަޞްޢޫލިއްޔަތާއި، ދޭންޖެހޭ ޚިދުމަތުގައި، ދިވެހި ކޮންމެ ރައްޔިތެއް ވެސް ހަމަހަމަ ވާނެކަމަށާއި، ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގައި ގަދަރުވެރި ދިވެހި ރައްޔިތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މި ސަރުކާރުން އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތުގައި ނެތް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށާއި، އެކަމުގެ ސަބަބުން ޤައުމުގައި މީގެ ކުރިންނެތް ހަމަޖެހުމާއި، މަޞްލަޙަތެއް އިޢާދަ ކުރެވި، ހިފެހެއްޓި، ދެމެހެއްޓިއްޖެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިކަން ރައްޔިތުން ވެސް ބަލައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން ވެސް މި ސަރުކާރުން ރާއްޖެއަށް ގެންނަން ވަޢުދުވީ ބޮޑު ބަދަލެއްކަމަށާއި، އެބަދަލުގެ ފަހަތުގައި ވަނީ ރައްޔިތުންގެ އުފާފާގަތި ދިރިއުޅުމާއި، ބާއްޖަވެރިކަމާއި، ތަނަވަސްކަމާއި، ފުދުންތެރިކަމާއި، ތިޔާގިކަން ތަފާތު ކުރުމެއްނެތި ގެނެސްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ޤައުމު އާރާސްތު ވާނީ ޒުވާނުން ބިނާކޮށްގެން ކަމަށާއި، ރަނގަޅު ހެދިހުރި ޒުވާނަކަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ޤައުމަކުން ނުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާތަނަށް ސަރުކާރުން ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ކޮށްފައިވާ މުހިންމު ބައެއް ކަންކަމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކުގައި ވަޞީލަތްތައް އިތުރުކުރުމަށް 1,578 ކްލާސްރޫމް ޢިމާރާތާއި، 85 މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ދަނީ ނިމެމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރަށް ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމްރާނީ މަޝްރޫޢު ކުރިއަށްދާ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި، ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމަށް، މުދައްރިސުންގެ ގިނަ ބޭނުންތަކެއް މިހާތަނަށް ފުރިހަމަ ކޮށްދެއްވާފައިވާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު މި ސަރުކާރުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހި ކޮށްދީފައިވާ ކަމަށާއި، މިއަދާއި ހަމައަށް 16,315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެ 6,500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެ، ޑިގްރީ ހިފައިގެން ވަޒީފާގެ މާހަޢުލަށް ނުކުމެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިޔަށްގެންދަވަމުން އެމަނިކުފާނު ވަނީ މިހާތަނަށް 1,986 ދަރިވަރަކަށް ސްޓޫޑަންޓް ލޯންގެ ފުރުޞަތު ފަހި ކޮށްދީފައިވާ ކަމަށާއި، މި ލޯންތަކުގެ ތަކުލީފު ކުޑަ ކުރުމަށްޓަކައި ސްޓުޑަންޓް ލޯން ސަރުކާރުން ރީ-ސްޓަރަކްޗަރ ކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި، 6,000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާ މަސައްކަތު މާޙައުލަށް ފައްކާ ކުރުމުގެ މަޝްރޫޢު ހިނގަމުދާކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީފާގެ ބާޒާރާއި، މަސައްކަތުގެ މާޙައުލަށް މީހުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވަޒީފާގެ މާޙައުލަށް މީހުން ތަމްރީނުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖޫނިއަރ ކޮލެޖާއި، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ޤާއިމްކުރަމުން ދާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި، އެމަނިކުފާނު ވަނީ ޤައުމަށްޓަކައި ބިނާކުރެވޭ އެންމެ އުސް ބިނާއަކީ ހެދި ހުރި ދިވެހި އިންސާނާ ކަމުގައި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ތަކުރާރުކުރައްވާފައެވެ.