English Edition
Dhivehi Edition

އެމްޑީޕީގެ ރިޔާސީ ޕްރައިމަަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ނިންމާ ޖަލްސާ އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން ބުނީ މި ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ހިތަދޫ ސިޓީ ބާޒާރު ސަރަހައްދުގައި ކަމަށެވެ.

އެމަނިކުފާނު ވަނީ މި މަހުގެ 13 އިން 15 އަށް ވެސް އައްޑޫ ސިޓީއަށް ވަޑައިގެން ކެމްޕެއިން ކުރައްވާފަ އެވެ. އެއަށްފަހު، އެމަނިކުފާނު ވަނީ މާލެ އަތޮޅުގެ ގުރައިދޫ އާއި ކާށިދޫއަށް މިއަދު ވަޑައިގަންނަވާފަ އެވެ. އަދި މިއަދު ތޮއްޑޫއަށް ވަޑައިގެންނަވާނެ އެވެ.

ރައީސް ސޯލިހު މާދަމާ ވަޑައިގެންނަވާނީ އދ. ގެ ރަށްތަކަށެވެ.

އެމަނުކުފާނާއި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ފޯރި ގަދަ ކެމްޕެއިން ހަރަކާތްތަކެއް ބާއްވަމުން ނެވެ. އަދި އެމަނިކުފާނުވެސް ގެންދަވަނި ރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން ނެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.