English Edition
Dhivehi Edition

މަސްވެރިކަމަށް ނުކުތް ގއ. ދާންދޫ ދޯންޏެއް ބިންދައިގެން ހިނގައްޖެ އެވެ.

ދާންދޫ ކައުންސިލުގެ ރައީސް އާސިފް އާ ހަވާލާދީ ޕީއެސްއެމް ގައި ބުނެފައިވަނީ އެރަށު “ފައިރޯދި” ދޯނި މިއަދު ފަތިހު މަހަށް ނުކުމެ އުޅެނިކޮށް ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:45 ހާއިރު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ ހާދިސާ ހިނގީ ކަނޑުގަދަވެގެން ނޫން ކަމަށާއި ދޯނި ބިންދައިގެން ދިޔައީ އެންދަމައި ބަރުކޮށްގެން މަސްވެރިކަމަށް ހުވަދޫ ކަނޑުގެ ސަތޯރަހައަށް ނުކުންނަން އުޅެނިކޮށްކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.

މި ދޯނިން 19 މީހުން ދަތުރުކުރި އިރު، އެ އެންމެން މިހާރު ތިބީ އެހީތެރިކަމަށް ދިޔަ ސީކިންގ ދޯނީގައި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މި ހާދިސާ ހިނގުމާއެކު ކޫއްޑޫގައި އޮންނަ މިފްކޯގެ ރަންދި 23 ބޯޓުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ދޯނީގެ ދެބައި، ދާންދޫ ދެ ދޯނީގެ އެހީތެރިކަމާއެކު ދާންދޫއަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ.