English Edition
Dhivehi Edition

ދެވަނަބައި…

ބާބަކިޔުގެ ހުރިހާ ކަމެއް ނިމިގެން އެމީހެއްގެ ގެއަށް އެމީހަކު ހިނގައްޖެއެވެ. އަޔާންވެސް ގެއަށްދާން ހިނގައިގަތެވެ. ފަހަތުން ނާމީ އަންނާނެކަން އަޔާންއަށް އެނގެއެވެ. އަޔާންއާ އަރާ ހަމަކުރަމުން ނާމީ ބުންޏެވެ. ” އަޔާން އަނެއްކާ މިރޭ ކިހިނެތްވީ! ނިކަން ކިޔައިދީބަލަ! ތިޔަވާހަކަ އަޑުއަހާހިތުން ކެތްމަދުވެފަ މިހުރީ…

އެވަހާކަދޯ! މިރޭ ވަރަށް އެހެންކަހަލަ ކަމެއް ވެއްޖެ! އަހަރެން ފިހާރައަށް ދާންވެގެން އޮފީހުން ނުކުމެގެން ހިނގާފަ އައީ ވަރަށް ބާރަށް، ނޭނގެވީގޮތެއް، ކުއްލިއަކަށް މީހެއްގެ ގައިގަ ޖެހިފަ ފެންގަނޑުތެރެއަށް ވެއްޓެނީ… ވެއްޓުނުފަހުން އެނގުނީ އަންހެން ކުއްޖެއްކަން! ނާމީއަށް އެނގޭތަ! އަޔާން ވަރަށް ފާޑަކަށް އެހެން ބުންޏެވެ.

ނޭނގިގެންތާ ދޯ މިއަހަނީ…ނާމީވެސް ދިމާކޮށްލިއެވެ. މިކިޔައިދެނީނު… އަޑުއަހާބަލަ … ފެންގަނޑުތެރޭގަ އޭނަ އޮތީ އަހަރެންގެ މޭމަތީގައި.. އޭނާގެ އިސްތަށިގަނޑުގެ ބޮޑުބައެއް އަހަރެންގެ މޫނުމަތީގަ ވިޔަސް އެއަންހެންކުއްޖާގެ ރީތިކަން އަހަންނަށް އިޙުސާސްވިކަހަލަ، ވަރަށް އެހެންކަހަލަ ގޮތެއްވީ… ބުނެދޭކަށް ނޭނގެ،، ދުވަހަކުވެސް އެހާ ލަދެއް ނުގަނޭ..

” ނާހަމަ ތެދެއް ހާދަ ބޮޑުވަރެކޭ ދޯ ތިވީ… ފެންގަނޑު ތެރޭގަ އޮތްއިރު އަނެއްކާ ދެމީހުން ތެމުނުތަ؟ ނާމީ އަނެއްކާވެސް އަޔާންއާ ދިމާކޮށްލިއެވެ. ” ސާބަހޭ ނާމީއަށް. ދެން ތެމޭނެތާދޯ! މަގޭހިތްވެސް އެއްކޮށް ތެމި ފޯވެއްޖެ! އަޔާން އެހެން ބުނުމުން ނާމީ ހުރީ ހަމަ އަޖައިބު އަންތަރީސް ވެފައެވެ. އަޔާންއަކީ އެހްންޏާ އެހެން އުޅޭ މީހެއް ނޫންވިއްޔާއެވެ.

” އެ އަންހެންކުއްޖާ ފެނުނިއްޔާ އެނގޭނެތަ! ނާމީ ސުވާލު ކުރިއެވެ. އެނގޭނެ ހެއްޔެވެ؟ މަގޭހިތުގަ އޭނާގެ ތަސްވީރު ކުރަހާ ބިންވަޅު ނަގައިފިން! ރަބަރުގަނޑަކުން ލައްފިލުވާއަކުން އެފިލުވާލަކަށް ފުހެލާކަށް ލާހިކެއްނޫން! އަޔާން ހީވަނީ ޅެންވެރިއެއް ހެނެވެ.

” މީހުން ބުނާތީ އަހަން ލޯތްބަކީ ތޫފާނެކޭ،،، އެއަކަށް ބާރެއް ނުފޯރުވޭނެޔޭ! އެއީ މީހުން މުޅިން ބަދަލުކޮށްލާ އެއްޗެކޭ! މިހާރު އެއީ ތެދެއްކަން އެނގިއްޖެ، އަހަރެން ހަމަ ހައިރާން ވެއްޖެ! ނާމީ އަޔާންއަށް ޖަވާބުދިނީ އަޔާން ބޭނުންވި ގޮތަށެވެ.

އެހާހިސާބަށް ވާހަކަ ދިޔައިރު އަޔާންމެން ގެއާހަމައަށް އާދެވިއްޖެއެވެ. ” އޭ ދެން ދަނީ މާދަމާއަކީ ބަންދު ދުވަހެއްނު! ވާނެ ރަނގަޅަށް ނިދާލަން،، މެންދުރުފަހުންދޯ ނުކުންނާނީ! އަޔާން އެހެން ބުނުމަށް ފަހު ގެއަށް ވަންނަން ދޮރުގައި ހިފާލިއެވެ. ” ނިދޭނެބާ! ނޫނީ ހޭލާ ހުރެ ހުވަފެން ބަލާނީބާ! ނާމީ އަޔާންއާ ދިމާކޮށްލިއެވެ. އަޔާންވެސް ހިނިގަނޑެއް ޖަހާލުމަށް ފަހު ގޭތެރެއަށް ވަނެވެ.

” ދަރިފުޅާ އައީތަ! މަންމަ އިންނާނީ ހޭލާކަން އަޔާންއަށް އެނެގެއެވެ. އަޔާންދެކެ އޭނާގެ މަންމަ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އަޒީޒާގެ ހުރިހާވެސް އުފަލަކީ އަޔާންއެވެ. އެފަދަ އޯގާތެރި ފިރިހެން ދަރިއަކު އޭނާއަށް ދެއްވީތީ އަޒީޒާ އަބަދުވެސްﷲއަށް ޝުކުރުވެރި ވެއެވެ.

”މަންމާ އަހަރެން ބުނީމެއްނު މިރޭ ލަސްވާނެޔޭ މަންމަ ނިދާށޭ! މިހެން ބުންޏަސް އަހަންނަށް އެނގޭ މަންމައަށް ނުނިދޭނެކަންވެސް” އަހަރެން ކައިފިން މަންމާ… ދެން މަންމަދޭ އަވަހަށް ނިދަން،،، އަހަރެންވެސް މިދަނީ ނިދަން..

”ގުޑުނައިޓް މަންމާ”! އެންމެ ރެއަކުވެސް ތިޔަހެން ނުބުނަންޏާ ދަރިފުޅު ހިތްހަމައެއް ނުޖެހޭނެދޯ! މަންމަގާތަށް ހިނިއައެވެ.

ކޮޓަރިއަށް ވަދެ އަޔާން ހޮޅިބުރި ދިއްލާލިއެވެ. ކޮޓަރީގައި ހުރި އެނދުގައި އަޅާފައިވާ ކަނޑުކުލައިގެ ބެޑްޝީޓްމަތީގައި ބާއްވާފައި އޮތް ދެބާލީހުގައި ވަނީ މަޑުނޫކުލައިގެ އުރައެއް ލައްވާފައެވެ. ތިން ދޮރުފަތްލީ ހުދުކުލައިގެ އަލަމާރި ހުރީ އެނދުގެ ކުރިމަތީގައެވެ. އެނދުން ތެދުވާއިރަށް މޫނު ފެންނަގޮތަށް އަލަމައިރީގައި ބޮޑު ލޯގަނޑެއް ހުއްޓެވެ. ކޮޓަރީގެ އެއްފަރާތުގައި ހުދުކުލައިގެ ކުޑަ ސޯފާއެއް ހުއްޓެވެ. ފެންނަ ފެނުމަށް މުޅި ކޮޓަރިވެސް އެހާ ފުރިހަމައެވެ. އަގުބޮޑު ތަކެތި ނެތަސް ސާފުތާހިރު ތަރުތީބު ކޮޓަރިއެކެވެ. ކޮޓަރިއަށް ބަލައިލުމުން އަޔާންގެ މުރާލިކަމާ ތަރުތީބުކަން ކިތަންމެހާވެސް ރީއްޗަކަށް ފެނެއެވެ.

އަޔާން އެނދުގައި އިށީނެވެ. އަދި ދަތްދޮޅީގައި އަތްވިދެލިއެވެ. މިރޭ ހިނގާދިޔަ މަންޒަރު ހަމަ ސިފަވަނީއެވެ. އެއީ ކާކުބާއެވެ. އަހަންނަށް މިވަނީ ކީއްބާއެވެ. އެއަންހެން ކުއްޖާ ނޭވާލުމުގައި ހުރި އަވަސްކަމާ ޖަހަމުން ދިޔަ ވިންދުތައް އަޔާންއަށް އިޙުސާސް ކުރެވޭ ކަހަލައެވެ. ދެއަތް ދެއަތަށް ފިތުމާލެވުނީ ހިނިތުން ވަމުންނެވެ. ބޭއިޚްތިޔާރުގައެވެ. ލޯމަރާލިޔަސް އެއަންހެންކުއްޖާ ފެންނަނީއެވެ. އެތައްއިރަކު އެނދުގައި އެހެން އިނުމަށް ފަހު ތެދުވިއެވެ. ކޮޓަރިތެރޭގައި ހިނގަން ފެށިއެވެ. ކުޑަދޮރު ހުޅުވާ ބޭރު ބަލާލިއެވެ. މެންދަމުގެ ހަމަހިމޭންކަން އަޔާންގެ ހިތަށް ގެނުވީ އިތުރު ހިމޭން ކަމެކެވެ. ކޮޓަރީގެ ކުރިމަތީގައި ހައްދާފައިވާ ފިނިފެންމާ ގަސްތަކުގައި ފޮޅިފައިވާ ރަތްކުލަޔާ ފިޔާތޮށި ކުލައިގެ މާތަކުން ލިބިގެން ދިޔަ މީރުވަހުން އަޔާންއަށް ހަމަ ރނަގަޅަށްވެސް ހިތްހަމަޖެހުން ލިބުނެވެ. ހަޔާތުގައި އޭނާއަށް މިފަދަ އިޙުސާސްތަކެއް ކުރުވިމީ ފުރަތަމަ ފަހަރެވެ.

ކުޑަދޮރުކައިރީގައިވެސް އެތައް އިރަކު އޭނާ ހުއްޓެވެ. ގަޑިން ތިނެއްޖެހިކަން އިއުލާކުރުމާއެކު އޭނާ ފާޚާނާއަށް ވަދެ ފެންވަރަން ފެށިއެވެ. މާގަނޑުން ފައިބަމުން ދިޔަ ފެންތިކިތަކުން އަޔާން އުފާކުރަމުން ދިޔައެވެ. އެފެންތިކިތަކާވެސް ކުޅެމުން ދިޔައެވެ. ފެންވަރައިގެން ނުކުމެ ނިދާއެއްޗެހި ލުމަށް ފަހު ނިދަން އޮށޯތެވެ. މޭމަތީގައި ބާލީހެއް ބާއްވައިގެން ދެއަތުން ބާލީޙުގައި ބައްދާލައިގެން އޮތްއިރުވެސް އޭނާގެ ޚިޔާލުގެ މިސްރާބު ހުރީ މުޅިން އެހެން ދިމާއެއްގައެވެ. ކުރާނީ ކީއްހެއްޔެވެ. މީހަމަ އޭނާގެ ޙާލަތެވެ. އެހެންއޮއްވާ ފަތިސްނަމާދު ބަންގީގެ އަޑަށް އަޔާން ސިހުނެވެ.

ވުޟޫކޮށްލައިގެން ފަތިސްނަމާދަށް ދާން އޭނާ ގެއިން ނުކުތެވެ. މަގުގެ ދެކޮޅު ބަލާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ޒުވާނުންގެ ތެރެއިންވެސް މަދުމީހަކު ނޫނީ ފަތިސްނަމާދަކަށް ނުދެއެވެ. މީ މުޖުތަމަޢުގެ އެންމެންވެސް ވިސްނަން ވެއްޖެ ކަމެކެވެ. މައިންބަފައިން ދަރިންނަށް ރަނގަޅު ތަރުބިއްޔަތުދީ ދީނަށް އަހުލުވެރި ކުރުވަން ޖެހެއެވެ. ސުކޫލު މަދަރުސާތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ޖަމާޢަތުގައި ފަތިސްނަމާދުކޮށްގެން އަޔާން މިސްކިތުން ނުކުތެވެ. އޭނާގެ މިސްރާބު ހުރީ ގެއަކަށް ނޫނެވެ. ރޭގެ ހާދިސާހިނގި މަގަށެވެ. އެފެންގަނޑު ކައިރިއަށެވެ. ހިތްއަވަސް ވެފައިވާ މީހަކު ހިނގާފައިދިޔަ މިނުގައި އަޔާން އެފެންގަނޑު ކައިރިއަށް ދިޔައެވެ. އަދި ފުން ނޭވާއެއް ލިއެވެ. ހިނދުކޮޅަކަށް ނަމަވެސް ރޭގެ ހާދިސާ އޭނާގެ ލޯމަތީގައި ސޫރަވަމުން ދިޔައެވެ. އެއަންހެން ކުއްޖާ ފެންނަ ކަހަލައެވެ. ވާރޭވެހުން ހުއްޓިފައިވާތީ ފެންގަނޑުވެސް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ކުއްލިއަކަށް އަޔާންގެ ލޮލުގައި އެއްޗެއް އަޅައިގަތެވެ. ދެލޯ ފުހެލާފައި އަނެއްކާވެސް ފެންގަނޑުގެ ތެރެއިން ފެނުނު އެއްޗާ ދިމާއަށް އަޔާން ބަލާލިއެވެ. މަޑުމަޑުން ތިރިވެ ފެންގަނޑުގެ ކައިރީގައިވާ އެއްޗެއް އަޔާން ނެގިއެވެ. ކެވެލިކޮޅެކެވެ. ޔަޤީނެވެ. މިއީ އެއަންހެން ކުއްޖާގެ ކެވެލިކޮޅެކެވެ. އެރަން ކެވެލި ކޮޅުގައި ވަރަށް ކުޑަކޮށް ނަމައް ލިޔެފައި ވެއެވެ. ފޯނުން އަލިކޮށްލުމަށް ފަހު އަޔާން އެނަން ކިޔާލިއެވެ. ” ނައިނާ” އަޔާންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ( ނުނިމޭ )

4 ކޮމެންޓް
Mister
ޖެނުއަރީ 17, 2023
Vrh furihama Naseyhaitheri ibiraihtheri vhk eii
Kiyuntheriyaa
ޖެނުއަރީ 17, 2023
Vrh furihama Naseyhaitheri ibiraihtheri vhk eii
Fath
ޖެނުއަރީ 16, 2023
Varah Reethi Homa Duvahu Ekanitha mivaahaka Genesdhenee
ލުލޫ
ޖެނުއަރީ 16, 2023
އެންމެ ސަޅި ހިސާބުން ތިނިންމާލީ. މިވާހަކައަށް ވަރަށް ޝައުގުވެރި ވެއްޖެ. ކޮންދުވަސް ތަކަކުތަ ނެރެނީ.