English Edition
Dhivehi Edition
20 އޮކްޓޫބަރު 2022: ޤައުމީ ދުވަހުގެ މުނާސަބަތުގައާއި، 2022 ވަނަ އަހަރުގެ ޤައުމީ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

2023 ވަނަ އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި މި އަހަރުގެ ޤައުމީ އިނާމާބެހޭ އުޞޫލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ. މިގޮތުން، މިއަދުން ފެށިގެން 16 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށް ޤައުމީ އިނާމަށް ނަން ހުށަހެޅޭނެއެވެ.

ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަހަރު ވަނީ ގެނެސްފައެވެ. ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ގެނައި މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް، 60 އަހަރުވި ކަމުގައިވިޔަސް، ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުޞޫލު ބަދަލުކުރުމެވެ. އަނެއް ބަދަލަކީ، ކުރިން އުޞޫލު އޮންނަ ގޮތުން ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާތީ، ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށްވެސް، ޚިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ގެނައި ބަދަލެވެ.

މީގެއިތުރުން، މިހާރު އިނާމު ދެމުން ގެންދާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއްވެސް ވަނީ އިތުރުކޮށްފައެވެ. އެއީ، ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގގެ ދާއިރާއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާޢަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައި، ޚިދުމަތްކުރި މުއްދަތުގެ ޖުމުލަ 35 އަހަރު ވުމުންނެވެ. އަދި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދިނުމުގައި، އެ ފަރާތަކުން ނުވަތަ ޖަމުޢިއްޔާ ޖަމާޢަތަކުން ދިވެހި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި އަދި ހޯދާފައިވާ ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކަށް ކޮމިޓީން ބަލާގޮތަށް ވަނީ ނިންމައިފައެވެ. ހިތްވަރު ދިނުމުގެ އިނާމު ދޭނީ، އެ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ޚިދުމަތް ކުރުމުންނެވެ. އަދި ކުންފުނި ޖަމުޢިއްޔާ ޖަމާޢަތެއްނަމަ ޚިދުމަތުގައި މަދުވެގެން 10 އަހަރު ވުމުންނެއެވެ.

މިއަހަރު ވެސް އިނާމަށް ނަން ހުށަހެޅުއްވުމަށް ހަމަޖައްސާފައިވަނީ، އިނާމަށް ނަން ހުށަހަޅާ “ފޯމު ހުށަހެޅުން” http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށްގެންނާއި، [email protected] އީމެއިލް މެދުވެރިކޮށްގެންނާއި، މިއޮފީހަށް ފޯމު ހުށަހަޅައިގެންނެވެ.

މި އަހަރު ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.