English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، އަންނަ ބުރާސްފަތި ދުވަހު ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހުޅުއްވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު އިތުރު ގިންތިއެއް ހިމަނާފައިވާ ކަމަށެވެ.

އެގޮތުން ޚާއްޞަ އިނާމާބެހޭ ކޮމިޓީން އިތުރުކުރި ގިންތިއަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމަށް ހިމަނާފައިވާ ގިންތި ކަމަށާއި، އެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށްވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ތެރޭގައި ހިމެނޭ އަނެއް ގިންތިއަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދައިފައިވާ ފަރާތްތަކެވެ. މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް އިނާމު ލިބޭގޮތަށް، މިދިޔަ އަހަރުން ފެށިގެން ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެއްވެސް މި ފަހަރު އިތުރުކޮށްފައިވާއިރު، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިވެސް ވަނީ ހިމަނައިފައެވެ.

މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތިބި ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން، ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ އަދި ކުރަމުން އަންނަ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ، ވަރަށް މުހިއްމު ކަމެއްކަމަށްވާތީ، އެފަދަ ޒުވާނުންނަށް މިއަހަރު އިނާމަށް ފުރުޞަތު ހުޅުއްވައިލައްވަން ގަސްދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.