ރާއްޖޭގެ ވެރިކަން ހޯދިދާނެ ކިތަންމެ ގޮތްތަކެއް އެބަހުރިކަމަށާއި އެހެންނަމަވެސް ރައީސް ނަޝީދުގެ ޓީމުން މަސައްކަތްކުރައްވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގައިގެން ވޯޓުން ވެރިކަން ހޯދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ތ. މަޑިފުށީ އެމްޑީޕީ ސަޕޯޓަރުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ހޯދިދާނެ އެތައް ގޮތަކެއް އެބަހުރިކަމަށެވެ. މި ގޮތުން ބަޑީގެ ވަޒަނުން ވެސް ވެރިކަން ހޯދިދާނެކަމަށާއި ބަޣާވާތުން ވެސް ވެރިކަން ހޯދި ދާނެކަމަށެވެ. އެހެންނަމަވެސް އެ މަނިކުފާނު ބޭނުންފުޅުވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގައިގެން ވޯޓުން ވެރިކަން ހޯދުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަބަދުވެސް އެމްޑީޕީގެ އަމާޒަކީ ރައްޔިތުންނަށް ހިދުމަތްކޮށް ދެވޭނެ ފުރުސަތުތަކެއް ހޯދައި ދިނުންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ހޯދުމުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ އެމީހުންނަށް ހިދުމަތްކޮށް ދިނުންކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެ ރަށުގެ ރައްޔިތުންގެ އަރިހަށް ވަޑައިގަތް އެއް ކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިވެދާނެތީކަމަށެވެ. އަދި އަދި އަމާޒަށް ނުދެވޭ ނަމަ، ވެރިކަމުގައި ތިބުން އެއީ ބޭނުންތެރިކަމެއް ނޫން ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ދާ ކޮންމެ ރަށެއްގައި ކޮންމެ ފަހަރަކު ވެސް އިންތިހާބަކާ ދިމާކޮށް ‘ކަޑަ’ ޖަހަމުން ދާކަމަށެވެ.