English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ގެ ތުހުމަތުތަކެއް އިދިކޮޅު، މައި ޕާޓީ ޕީޕީއެމް އަށް ކުރައްވައިފި އެވެ.

އޭނާ ތުހުމަތު ކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ޕީޕީއެމްގެ ލީޑަރޝިޕުން ކެމްޕެއިން ކޮށްދޭ ކަމަށް ވިދާޅުވެ އެވެ.

މެމްބަރު ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އިސް ލިޑަރޝިޕުން ޕީޕީއެމް ކުދިން ރައީސް ނަޝީދުގެ އިވެންޓުތަކަށް ފޮނުވާ ކަމަށެވެ. އަދި ޕީޕީއެމް ލީޑަރ ޝިޕުން ރައީސް ނަޝީދަށް ކެމްޕެއިން ކޮށްދެނީ އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބަލިކޮށްލުމުގެ ރޭވުމުގެ ދަށުން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ރައީސުންނަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައި ޝަރީފް ވިދާޅުވެފައިވަނީ މިކަމާމެދު އެމްޑީޕީގެ މެމްބަރުން ސަމާލުވާންޖެހޭ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.