English Edition
Dhivehi Edition

މާލެ ސިޓީ ކައުންސިލުން އާންމުންނަށް ހުޅުވާލި “ޗާލު މިސްކިތް” ފަންޑުން ލިބުނު ފައިސާއިން މިސްކިތްތައް މަރާމާތުޔ ކުރަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ ” ޗާލު މިސްކިތް” ފަންޑަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ 1 މިލިއަން ރުފިޔާގެ ބަޖެޓް އަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތް 2 ދުވަހެއްގެ މައްޗަށް ބަހާލައިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މި ހަރަކާތުން 744713.90 ރުފިޔާ ކައުންސިލަށް ވަނީ ލިބިފައެވެ.

މާލެ ސިޓީ ކައުންސިލުގެ “ޗާލު މިސްކިތް” ފަންޑުން އެންމެ ފުރަތަމަ މަރާމާތު ކުރަން ފަށާފައިވަނީ މަސްޖިދުއް ތަޢާވުނީ ( އާސަހަރާ މިސްކިތް ) އެވެ. މިއަދު ކައުންސިލުން ވަނީ އެ މިސްކިތުގެ ފެންޑާ ބައިގެ ފުރާޅުގެ ޓިނުތައް ބަދަލު ކުރުމުގެ މަސައްކަތާއި އެ މިސްކިތުގައި ހުރި ރެނދުތައް ބައްދައި އަލުން ކުލަ ލުމަށް ކުލަކެހުމުގެ އިތުރުން ފާހަނަ ބަރި ކުރިމަތީ ތަޅުން އެޅުމުގެ މަސައްކަތް ކޮށްފައެވެ.

މި މިސްކިތް މަރާމާތް ކުރުމަށް ފަށާފައިވަނީ އާންމު ފަރާތަކުން މި މިސްކިތް މަރާމާތު ކުރުމަށް ހަރަދުވާ ފައިސާ އެއްކޮށް “ޗާލު މިސްކިތް” ފަންޑަށް ހަދިޔާ ކުރުމުންނެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓަކާއި ނުލާ ކަމަށް ވުމުންނެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑީއާ ގްރޫޕުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން މޭޔަރު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ 9 މިލިއަން ހަރަދު ވާނީ ކޮންކޮން މަރާމާތްތަކަކަށް ކަން މޭޔަރު ވަނީ ނޫސްވެރިންނާ ހިއްސާ ކުރައްވާފައެވެ.