English Edition
Dhivehi Edition
ސުނިލް ޝެޓީ

ބޮލީވުޑްގައި މަސްތުވާތަކެތި ބޭނުންކުރަނީ އެންމެ ޕަސަންޓެއްގެ މީހުންކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީ ބުނެފިއެވެ.

ސުނިލް ޝެޓީ މިހެން ބުނީ , ބޮލީވުޑް ބޮއިކޮޓް ކުރުމަށް ގޮވާލާ ބަޔަކު ކުރަމުން ގެންދާ ކެންޕޭނާ ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ.

އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދީއްޔާނާތުއާއި ބައްދަލުކޮށް ވާހަކަ ދައްކަމުން ސުނިލް ޝެޓީ ބުނީ, ބޮލީވުޑްގެ ކޮންމެ އައު ފިލްމެއް ނެރުމުގެ ކުރިން މީސް މީޑިއާގައި އެ ފިލްމެއް ބޮއިކޮޓް ކުރުމަށް މިހާރު ގޮވަކަމަށެވެ.

“ބޮލީވުޑްގެ 99 ޕަސަންޓު މީހުން މަސްތުވާތަކެތި ބޭނުމެއް ނުކުރޭ. ގިނަ މީހުން ގަދައަޅާ މަސައްކަތް ކުރަނީ ފިލްމުތައް ކާމިޔާބު ކުރަން,” ސުނިލްޝެޓީ ބުންޏެވެ.

އޭނާ ބުނީ އުއްތަރު ޕްރަދޭޝް ގެ ޗީފް މިނިސްޓަރު ޔޯގީ އަދީއްޔާނާތުގެ އެދުމާއިއެކު ބޮލީވުޑް ބޮއިކޮޓް ކުރަން ގޮވާ މީހުން ކޮންޓްރޯލް ކުރެވިދާނެކަމަށެވެ.

ޔޯގީ އަދީއްޔާނާތު އަކީ އެންމެ ގަދައަށް ބޮލީވުޑާ ދެކޮޅަށް އިންޑިއާގައި މަސައްކަތްކުރާ އިންޑިއާގެ ހިންދޫ ދީނުގެ އިސްވެރިއެކެވެ.

ސުނިލް ސެޓީ ބުނީ ބޮލީވުޑް ބޮއިކޮޓް ކުރަން ގޮވާ ހޭޝްޓެގް ބޭނުންކުރުން ހުއްޓާލަން ޖެހޭކަމަށެވެ. އަދި މި މެސެޖު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ހަމައަށް ވެސް ވާސިލުކޮށްދިނުމަށް އޭނާ އެދުނެވެ.

އިންޑިއާގެ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް “ބޮއިކޮޓް” ކުރަން ގިނަބަޔަކު ވަނީ މިދިޔަ އަހަރު ވެސް ގޮވާފައެވެ.

މިގޮތުން ‘ބްރަޙްމާސްޓްރާ’، ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާ ‘ޕަތާން’ ގެ އިތުރުން ސަލްމާން ޚާން ލީޑް ރޯލުން ފެނިގެންދާ ‘ޓައިގާ 3’ ވެސް ބޮއިކޮޓް ކުރުމަށް ގޮވިއެވެ.

‘ޕަތާން’ ފިލްމުގެ ލަވަ ‘ބެޝަރަމް ރަންގް’ ބޮއިކޮޓް ކުރަމުންދާއިރު، އެ ލަވައިން ބަތަލާ ދީޕިކާ ޕަދުކޯން ޒެފްރަން ބިކިނީއެއްގައި ނަށަމުންދާ މަންޒަރު ފެންނައިރު، މިއީ ހިންދޫ މުޖުތަމައަށް “އިހުތިރާމް ކުޑަ” ކަމެއް ކަމަށް ގިނަ ބަޔަކު ދެ އެވެ. ނަމަވެސް އިންޑިއާގެ ސެންސަރު ބޯޑުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޕަތާން އެޅުވުމުގެ ހުއްދަދީ ބައެއް މަންޒަރުތައް ސެންސަރު ކުރުމަށް އަންގާފައެވެ.

ޔޯގީ އަދީއްޔާނާތު މުމްބާއީއަށް ކުރި ދަތުރުގައި އޭނާ ވަނީ ބޮލީވުޑްގެ އެކި މަޝްހޫރު ފަރާތްތަކާ ވާހަކަ ދައްކައި, އުއްތަރު ޕްރަދޭޝް “އިންޑިއާގެ އެންމެ ފިލްމު ފްރެންޑްލީ ސްޓޭޓް” ގެ ގޮތުގައި ޕްރޮމޯޓްކޮށްފަ އެވެ.