English Edition
Dhivehi Edition

ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ މުހިންމު ބައެއް ސާމާނު މީރާގެ މުވައްޒަފުން ހަދިޔާކޮށްފި އެވެ.

މިއީ، މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި ގޮތުން، މީރާގެ މުވައްޒަފުންވަނީ، 56,300/- ރުފިޔާގެ ތަކެތި ފިޔަވައްޗަށް ހަދިޔާކޮށްފަ އެވެ.

4 ޖަނަވަރީ 2023ގެ ހަވީރު ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފަ އެވެ. މި ހަވީރުގައި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީޢުގެ އިތުރުން މީރާގެ ގިނަ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. އަދި ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމްއާއި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވި އެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަސްމާ ޝަފީޢު ވަނީ މީރާގެ މުވައްޒަފުން މި ފަދަ ހަރަކާތްތަކަށްދޭ އަހައްމިއްޔަތުކަން ފާހަގަކޮށްފަ އެވެ. އަދި، މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް ވިދާޅުވި އެވެ.

ޑެޕިއުޓީ ކޮމިޝަނަރގެ ވާހަކަފުޅުގައި ފިޔަވަތީގެ މުވައްޒަފުން ކުރައްވާ މުހިންމު އަދި ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ.

ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމްގެ ވާހަކަފުޅުގައި، މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ފިޔަވައްޗަށް ދެމުން ގެންދާ އެހީ ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، ފިޔަވަތީގެ ކުދިންގެ ފަރާތުން މީރާއަށް ވަނީ އެ ކުދިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ޚާއްސަ ހަދިޔާއެއް ހަވާލުކޮށްފަ އެވެ.

މީރާއަކީ ކޮންމެ އަހަރަކުވެސް މި ފަދަ އިޖްތިމާއީ ހަރަކާތްތައް ރާވައި ހިންގުމުގެ އިތުރުން، އެހެނިހެން ފަރާތްތަކުން ވެސް ރާވައި ހިންގާ މި ފަދަ ހަރަކާތްތަކުގައި ބައިވެރިވަމުން ގެންދާ މުއައްސަސާއެކެވެ.