ދުނިޔޭގެ ދިރިއުޅުމުގައި ހިތާމަތަކާއި ދަތި އުނދަގޫ އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. ދެކެން ބޭނުން ނުވާ އެތައް މަންޒަރެއް ފެނި ދިރިއުޅުން މަތިން ފޫހިވާ ފަހަރުވެސް އާދެއެވެ. ހިތާމަވެރިކަމާއި، ކަންބޮޑުވުމާއި، އެކަނިވެރިކަމުގެ ސަބަބުން އެތައް ބަޔަކަށް ދިރިއުޅުން ހަލާކުވެ މީހާގެ ދިރިއުޅުން ހުއްޓުމަކަށް އާދެއެވެ. ނަފްސާނީ ނުތަނަވަސްކަމުގެ ތެރޭގައި އަމިއްލައަށް ނެތި ހަލާކުވެގެން ދެއެވެ. ޑިޕްރެޝަން ނުވަތަ ހިތާމަކުރާ ބައްޔާއި ހަނގުރާމަކުރަންޖެހެއެވެ،
ޑިޕްރެޝަން ނުވަތަ ހިތާމަކުރާ ބަލި:
ޑިޕްރެޝަން ފެށިގެން އަންނަނީ ކަންބޮޑުވުމާއި ދެރަވެ ހާސްވުންފަދަ އިހުސާސްތަކުގެ ތެރެއިންނެވެ. ދިރާސާތަކުން ދައްކާ ގޮތުން ކޮންމެ 5 މީހުންގެ ތެރެއިން އެކަކީ އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ހިތާމަކުރުމުގެ ބަލި ތަހައްމަލުކޮށްފައިވާ މީހެކެވެ. ކޮންމެ މީހަކަށްވެސް ހިތާމަކުރާ ބައްޔާއި ކުރިމަތިވެދާނެއެވެ. އެކި މީހުންނަށް މިކަން ކުރިމަތިވަނީ އެކި ގޮތަށް އެކި މިންވަރަށެވެ. ހިތާމަކުރުމުގެ ބަލި ދިމާވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ.
ދުޢާ އަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލާލަނީ ހިތާމަވެރިކަމާއި، ކަންބޮޑުވުން ފިލުވައިލުމަށް ކުރެވިދާނެ ދުޢާތަކަށެވެ.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ
“އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރު ބޮޑުވުމުންނާއި ، ހިތާމައިންނާއި، ނުކުޅެދުމުންނާއި، ކަންނެތްކަމުންނާއި، ބާޚިލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށްދެއްވުމަށް އިބަ ﷲގެ ހަޟްރަތުން އެދިދަންނަވަމެވެ.”
ޔޫނުސްގެފާނު، ބޮޑު މަހެއްގެ ބަނޑުތެރޭގައި އޮންނަވައި ކުރެއްވި ދުޢާ
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
“އިބައިލާހު މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް އިލާހަކު ނުވެއެވެ. ހުރިހާ އުނި ސިފަތަކަކުން އިބަ އިލާހު ހުސްޠާހިރުވެގެންވެއެވެ. ހަމަކަށަވަރުން މިއަޅާ ވީ އަނިޔާވެރިވީ މީސްތަކުންގެ ތެރެއިންނެވެ.”
ކަންބޮޑުވުމާއި ނުތަނަވަސްކަމަކީ، ބޮޑު ނަފްސާނީ ބައްޔަކަށް ވެއްޖެނަމަ އޭގެ ފަރުވާ ހޯދަން ޖެހޭނެއެވެ. ބޭސްފަރުވާ ނުކޮށް ތިމާގެ ޞިއްޙަތަށް ފަރުވާކުޑަކުރުމަކީ އެކަމާމެދު ޤިޔާމަތްދުވަހު ސުވާލުވެވޭނޭ ކަމެއްކަން ދަނެ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުތަކުގެ މަތީން ބޭސްފަރުވާ ކުރަންޖެހޭނެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ބައްޔާއި އޭގެ ފަރުވާ ބާވައިލެއްވީ މާތް ﷲ އެވެ. އަދި އެބައްޔަކަށް ފަރުވާއެއް ލައްވާފައިނުވާ އެއްވެސް ބައްޔެއް ނުވެއެވެ. ފަހެ ތިޔަބައި މީހުން ބޭސްފަރުވާ ކުރާހުށިކަމެވެ. އަދި ޙަރާމް އެއްޗަކުން ބޭސް ނުކުރާށެވެ!” (ރިވާކުރެއްވީ އަބޫ ދާވޫދުއެވެ.)